ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޖެހިގެން މަރުވި ކަމަށް ބެލެވޭ މީހުންގެ ގަބުރުތަކެއް، އިންޑިއާގެ ގަންގާ ކޯރުގެ އައްސޭރިފަށަށް ލައްގަމުން އަންނަ ކަމަށް، އެ ގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

މިހާތަނަށް ދުނިޔެ ދެކެފައި ނުވާ ފަދަ ނުރައްކާ ދަރަޖައެއްގެ ކޮވިޑް ތޫފާނަކާ ކުރިމަތިލާން ޖެހިފައިވާ އިންޑިއާގެ ޑިސްޓްރިކްޓް އޮފިޝަލެއް ކަމަށްވާ އަޝޯކް ކުމާރު ވިދާޅުވީ، ބިހާރާއި އުއްތަރަ ޕްރަދޭޝް ސްޓޭޓް ގުޅޭ ބޯޑަރު ސަރަހައްދު ކައިރީގައި އޮންނަ ބުޒާރު ޑިސްޓްރިކްޓާ ގުޅިފައިވާ ގަންގާ ކޯރުގެ އައްސޭރި ފަށަށް، 40 ގަބުރެއް ލައްގާފައި ވާ ކަމަށެވެ.

ބިހާރާއި އުއްތަރަ ޕްރަދޭޝް އަކީ އިންޑިއާގެ އެންމެ ފަގީރު ސްޓޭޓްތަކުގެ ތެރޭގައި ގުނާލެވޭ 2 ސްޓޭޓެވެ.

ކުމާރު ވިދާޅުވީ ލައްގާ ގަބުރުތައް ވަޅުލައިގެން ނުވަތަ އަންދައިގެން ވިއަސް ނައްތާލުމަށް، ކަމާ ބެހޭ އޮފިޝަލުންނަށް އަންގަވާފައި ވާނެ ކަމަށެވެ.

ކޮވިޑް ޖެހިގެން އިންޑިއާއިން މަރުވާ މީހުންގެ އަދަދު އިތުރުވެ، ގަބުރު އަންދާ ތަންތަނަށް ވަނީ ބާރު ބޮޑުވެފަ / ފައިލް ފޮޓޯ: ބީބީސީ

ކޮންޓްރޯލެއް ނެތި، އިންޑިއާގައި ކޮވިޑް-19 ފެތުރެމުން ދާއިރު، އެ ގައުމުގެ ސިއްހީ ނިޒާމު ވަނީ އިނދަޖެހިފައެވެ. އަދި ބަލީގައި މަރުވާ މީހުންގެ ހަށިތައް ނައްތާލެވޭނެ އެކަށީގެންވާ ނިޒާމެއްވެސް އެ ގައުމުގައި މިވަގުތު ނެތެވެ. ގަބުރު އަންދާ ތަންތަނާ، ސަހަރާތަކަށް ވަނީ އިންތިހާއަށް ބާރު ބޮޑުވެފައެވެ.

އިންޑިއާގެ އާންމުން ބުނާ ގޮތުގައި، ލައްގަމުންދާ ގަބުރުތަކަކީ ގަބުރު އަންދާ ސައިޓްތައް ފުރުމުގެ ސަބަބުން، ނުވަތަ އާއިލާ މެންބަރުންގެ އަތުގައި އެކަށީގެންވާ މިންވަރަށް ފައިސާ ނެތުމުގެ ސަބަބުން، ކޯރަށް އުކާލާ ގަބުރުތައް ކަމަށެވެ.

ބައެއް ހަބަރުތައް ބުނާގޮތުގައި ލެއްގި ގަބުރުތަކުގެ އަދަދު 100 އަށް އަރާނެއެވެ. ލައްގާ ބައެއް ގަބުރުތަކަކީ ފުފިފައިވާ ގަބުރުތަކެއް ކަމަށް ވާއިރު، އަނެއް ބައި ގަބުރުތަކަކީ އެއްބައި އަންދާފައިވާ ގަބުރުތަކެކެވެ. އަދި މި ގަބުރުތަކަކީ، ކޯރަށް އުކާލި ފަހުން ދުވަސްތަކެއް ވެފައިވާ ގަބުރުތަކަކަށް ވުން އެކަށީގެން ވާ ކަމަށްވެސް އޮފިޝަލުން ވިދާޅުވެފައެވެ.

އިންޑިއާގެ ރަސްމީ ތަފާސް ހިސާބުތަކަށް ބަލާއިރު، ކޮވިޑް-19 ޖެހިގެން އެ ގައުމުން ދުވާލެއްގެ މައްޗަށް 4000 އެއްހާ މީހުން މަރުވެއެވެ. ނަމަވެސް، ގަބަރު އަންދާ ތަންތަނާ، ތަޖުރިބާކާރުންގެ ވާހަކަތަކަށް ބަލާއިރު، ހަގީގީ އަދަދުތައް މިއަށްވުރެ އެތައް ގުނައެއް އިތުރުވާނެއެވެ.