ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމަށް ނިމުން ގެނައުމަކީ ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަކަޕްސަ މިވަގުތު އެންމެ ހާއްސަ އަހައްމިއްޔަތު ކަމެއް ދެއްވާ ކަން ކަމަށާ، އެގޮތުން ކޮވިޑް-19 ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް، ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރެއްވުމަށްފަހު އެ ގައުމުގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް ރައީސް ނިންމަވާފައިވާ ކަމަށް، ރިޔާސީ ތަރުޖަމާނު ކިންގްސްލީ ރަތުނަޔަކަ ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސްރީލަންކާގައި ތަންފީޒު ކުރާ އާ ފިޔަވަޅުތަކުގެ ތެރޭގައި:

  • ޕްރޮވިންސްތަކުގެ މެދުގައި ކުރާ ދަތުރުތައް ހުއްޓާލުން
  • ހުރިހާ އެއްވުންތަކާ ބައްދަލުވުންތައް ކެންސަލް ކުރުން
  • ވިޔަފާރި ކުރާ ތަންތަނުގައި އެއް ވަގުތެއްގައި އެންމެ ގިނަ ވަގެން ތިބެވޭނެ މީހުންގެ އަދަދު ލިމިޓް ކުރުން
  • އިންފެކްޓް ވެފައިވާ މީހުން ގިނަ ސަރަހައްދުތައް އައިސޮލޭޓް ކުރުން ހިމެނެއެވެ.

މި ފިޔަވަޅުތަކަކީ މި ހިނގާ މެއި 30، 2021 ގެ ނިޔަލަށް ތަންފީޒު ކުރަމުންދާނެ ފިޔަވަޅުތަކެއް ކަމަށް ހަބަރު ލިބެއެވެ.

ސްރީލަންކާގެ މަގެއްގެ މަތީގައި ކަމާ ބެހޭ ފަރާތްތަކުން ފޯރި މަރަނީ / ފޮޓޯ: ކޮލަމްބޯ ގެޒެޓް

ފިޔަވަޅުތައް ވަރުގަދަ ކުރި ކަމުގައި ވީ ނަމަވެސް، އާންމުންގެ ދިރިއުޅުމަށް މާ ބޮޑު ހުރަހެއް ކުރިމަތި ނުވާނެ ގޮތަށާ، އަސާސީ ހިދުމަތްތަކަށް ބުރޫ ނާރާހެން ކަންކަން ތަންފީޒު ކުރުމަށްވެސް ގޮތަބާޔާ ރާޖަޕަކްސަ ވަނީ ބާރު އަޅުއްވާފައެވެ.

ސްރީލަންކާއިން ދަނީ ކޮވިޑުން ދިފާއުވުމަށް ވެކްސިން ކެމްޕޭންވެސް ހިންގަމުންނެވެ. މި ކެމްޕޭންގައި ބޭނުން ކުރަމުން ދަނީ އަސްޓްރާޒެނީކާގެ ވެކްސިން ކަމަށް ވާއިރު، ޗައިނާގެ ސީނޯފާމް ކޮވިޑް ވެކްސިން ބޭނުން ކުރުމަށްވެސް އެ ގައުމުން މިހާރު ވަނީ ހުއްދަ ދީފައެވެ.

ސްރީލަންކާގެ އަދުގެ ހާލަތަށް ބަލާއިރު އެ ގައުމުން އެ ގައުމުން އިއްޔެ ވަނީ 2500 އަށް ވުރެ ގިނަ ޕޮޒިޓިވް ކޭސް ރިޕޯޓް ކޮށްފައެވެ. އަދި މި ބަލީގައި އިއްޔެ އެ ގައުމުން 26 މީހަކު މަރުވި ކަމަށްވެސް ހަބަރު ލިބެއެވެ.

މުޅި ދުނިޔެ އިނދަޖައްސާލި ކޮވިޑް-19ގެ ބަލިމަޑުކަމުގައި ސްރީލަންކާގެ ސިއްހީ ނިޒާމު ދެއްކި ސާބިތު މިސާލަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިންވެސް ވަނީ ތައުރީފު ކޮށްފައެވެ.