މާލެ ސަރަހައްދުން ނަގާ ސާމްޕަލްތަކުގެ ތެރެއިން ކޮންމެ 5 ސާމްޕަލް އަކުން 3 ސާމްޕަލް ޕޮޒިޓިވް ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ދެންމެ ހާމަކުރި ގޮތުގައި ކޮންމެ ދުވަހަކު 10 އަހަރުން ދަށުގެ 80 ކުދިން ޕޮޒިޓިވް ވާ ކަމަށާއި އޭގެތެރެއިން 5-4 ކުދިންނަކީ އެއްއަހަރުވެސް ނުވާ ކުދިން ކަމަށް ބުނެއެވެ. އަދި މިދިޔަ ހަފްތާގެ ޕޮޒިޓިވް ރޭޓް 80 ޕަސެންޓުން މައްޗަށް އަރާފައިވާ ކަމަށާ މިއީ ކޮވިޑް 19 ގައި އެންމެ ހާލަތު ގޯސްވި ދުވަސްވަރު ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ފާއިތުވެ ދިޔަ ހަފްތާއަކީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 500 އިން މަތީގައި ހުރި ހަފްތާއެކެވެ. އެ ހަފްތާގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު 3000 އިން މައްޗަށް ވަނީ އަރާފައެވެ.

އެޗްޕީއޭއިން ހާމަކުރާގޮތުގައި ފާއިތުވެދިޔަ ހަފްތާތެރޭ ފުލޫކުލިނިކަށް ދެއްކި މީހުންގެ ތެރެއިން ޕޮޒިޓިވް ވާ އަދަދު 4 ގުނަ އިތުރެވެ. އަދި މިހާރުވެސް ހޮސްޕިޓަލުުގައި 234 މީހުންނަށް ފަރުވާ ދެމުން ދާ ކަމަށް ބުނެއެވެ. އަދި މާލެސަރަހައްދުގައި 80 ޕަސެންޓު އެނދު މިވަގުތު ވަނީ ފުރިފައި ކަމަށްވެސް އެޗްޕީއޭއިން ހާމަކުރި ތަފާސްހިސާބުގައި ވެއެވެ. އެޗްޕީއޭއިން އިތުރަށް ބުނެފައިވަނީ މި އަދަދުތަށް ކުރިޔަށް އޮތް ތަނުގައިވެސް މައްޗަށް އަރައިގެން ދާނެއެވެ.

ފާއިތުވެދިޔަ 24 ގަޑިއިރުތެރޭގައި ވެސް 1091 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް ހަލުވިކަމާއެކު ކޮވިޑް ފެތުރެމުން ދެއެވެ. އެގޮތުން މިވަގުތުވެސް ޖުމްލަ 30 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތުގައެވެ. އޭގެތެރެއިން 5 ރަށެއްގައި ވަނީ ހަވީރު 4 އިން ފަތިހު 4 އަކަށް ކާފިއުވެސް ހިންގަން ފަށާފައެވެ.

ރާއްޖޭގައި ކޭސްތައް އިތުރުވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ރޭގަނޑު 09 އިން ފަތިހު 04 އަކަށް ކާފިއު ހިންގުމާ، ސިއްހީ ހިދުމަތް ހޯދުމަށާއި ޒަރޫރީ ބޭނުންތަކުގައި ފިޔަވާ އެހެން ބޭނުންތަކުގައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާ ކުރުމާ، ދަތުރު ކުރާނަމަ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭގޮތަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. ރާއްޖޭގައި މިހާރު ކޭސްތައް އިތުރުވަމުން އަންނީ އާ ވޭރިއަންޓްގެ ސަބަބުން ކަމަށް ޑޮކްތަރުން ވަނީ ބުނެފައެވެ.