މި މަހުގެ 6 ވަނަ ދުވަހު މާލޭގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝިދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި އިސްކޮށް ހަރަކާތްތެރިވި މީހާ ވަނީ ސިފަ ބަދަލު ކުރަން މަސައްކަތް ކޮށްފައި ކަަމަށް ސީޕީ މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
މިހާރު ފުލުހުން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ، އޭނާ ވަނީ ތުނބުޅި ބާލައި އަދި އޭނާގެ އިސްތަށިގަނޑު ތުނިކުރަން މަސައްކަތް ކޮށްފައި ކަމަށެވެ. އަދި އެ ކަން ކުރަން އޭނާ ބޭނުން ކުރި އާލަތްތައް ވެސް އޭނާ ހައްޔަރު ކުރި ގެއިން ފެނިފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.
ފުލުހުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މެއިން ސަސްޕެކްޓް ކަަމަށް ބުނެ ފުލުހުން ހައްޔަރު ކުރި އަހުމަދު އަދުހަމް މޭ 6 ވަނަ ދުވަހު މާލޭގައި ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިން ވަގުތު އެ ސަރަހައްދުގައި އޭނާ ހަރަކާތްތެރިވި ގޮތުގެ ވީޑިއޯ ފުޓޭޖް އާންމު ކޮށްފައެވެ.
އެ ވިޑިއޯއިން ފެންނަނީ އަދުހަމް އިމްރާތެއްގެ ތެރޭގައި ފާރުގައި ލެގިލައިގެން ފޯނަކަށް ވާހަކަ ދައްކަން ހުންނަ މަންޒަރެވެ. ހުދުކުލައިގެ އަތްދިގު ގަމީހެއް ލައިގެން ހުރި އަދުހަމް ފޯނަށް ވާހަކަ ދައްކަން ހުންނަ އިރު ދޭތެރެ ދޭތެރެއިން ފައިވާން ބާލައި އެއްފައި ފާރުގައި ވިއްދާލައެވެ. އަދި އޭނާ އިރުކޮޅެއް ފަހުން އެ އިމާރާތުން ބޭރަށް ނުކުންނަން ދާ ވަގިތި އޭނާގެ އަތުގައި ރިމޯޓެއް ޒާތުގެ އެއްޗެއް އޮތް ތަން ފެނެއެވެ.
އޭސީޕީ ރިޔާޒް މި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ފޮރެންސިކުން ވަނީ ފާރުގައި ހުރީ ފައިތިލައިގެ ނިޝަން ނަގާފައި ކަމަށާއވެ. އަދި އާންމުންގެ މީހަކު ދިން މައުލޫމާތާއެކު ފުލުހުން ގޮސް އޭނާ ގޭގައި ހުއްޓާ ހައްޔަރު ކުރުމަށްފަހު އޭނާގެ ފައިގެ ނިޝާން ނަގާފައިވާ ކަަމަށާއި އަދި އެދެ ނިޝަން ދިމާވާ ކަމަށް ފުލުހުން ބުނެއެވެ.
ވ. ތިނަދޫ އަށް އުފަން އުމުރުން 25 އަދުހަމް އަކީ މި ހަމަލާގައި އިސްކޮށް ހަރަކާތްތެރިވީ ފަރާތްކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާ ވަނީ މިއަދު ފަތިހު 4:25 ހާއިރު ހައްޔަރުކޮށްފައި ކަަމަށް ފުލުހުން ބުނެއެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ މިހާރު އޭނާ އުޅޭ ހުޅުމާލެ ފްލެޓް 9-5ޖީ-02 ގައި ހުއްޓާ އެވެ.
މީގެ އިތުރުން މި މައްސަލައިގައި ކުރިން ހައްޔަރު ކުރި ދެ މީހުންނަކީ މުޖާޒު އަހުމަދު، މއ. ފޭރުގެ 21 އ އާއި ތަހުމީން އަހުމަދު ފޮޅޭމާ/ގއ ކޮނޑޭ، 32 އ. އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، އެ ތިން މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެެއް ޖަހާފައިވާ ކަަމަށެވެ.