ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރު ކުރި އަހްމަދު އަދުހަމް، އެ ހަމަލާ ދިނުމަށް ފަހު އޭނާ ދުވެ ފިލުމަށް ފަހު މި ހަމަލާ ދިނުމުގައި ބައިވެރިވި މުޖާޒު އަހުމަދާ ބައްދަލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މެއިން ސަސްޕެކްޓް ކަަމަށް ބުނެ ފުލުހުން ހައްޔަރު ކުރި އަހުމަދު އަދުހަމް މޭ 6 ވަނަ ދުވަހު މާލޭގައި ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިން ވަގުތު އެ ސަރަހައްދުގައި އޭނާ ހަރަކާތްތެރިވި ގޮތުގެ ވީޑިއޯ ފުޓޭޖް އާންމު ކޮށްފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އޭސީޕީ މުހައްމަދު ރިޔާޒް ވިދާޅުވީ، މި މަހުގެ 6 ވަނަ ދުވަހު މާލޭގައި ބޮމެއް ގޮއްވާލި މައްސަލައިގައި ހައްޔަރު ކުރި އަހުމަދު އަދުހަމް ކުށުގެ ވެށިން އޭނާ ފިލައިގެން ދުވެފައި ވަނީ ރައްދެބައި މަގާ ހަމައަށް ގޮސްފައި ކަމަށެވެ. އެއަށްފަހު ބާރު މިނުގައި ހިނގާފައި ގޮސް ދެން އޭނާ އެރީ ޗާންދަނީ މަގުގައި ހުންނަ ޖަލާލުއްދީން މިސްކިތަށް ކަމަށް ރިޔާޒް ވިދާޅުވިއެވެ.
އަދި ކުޑަ ވަގުތު ކޮޅަކަށް އެ މިސްކިތުގައި މަޑުކުރުމަށްފަހު ދެން ނުކުމެ އޭނާ ދަނީ އަމީނީ މަގުން އިރަށް ކަމަށާއި އަދި އަމީނީ ބިލްޑިންއާ ހަމައަށް ގޮސް އެ ބިލްޑިން ކުރިމަތީ ހުންނަ ޕާކަށް ވަދެ އޭނާ މަޑުކޮށްފައިވާ ކަމަށް ރިޔާޒް ވިދާޅުވެއެވެ. އެ ޕާކުގައި އޭރު މި މައްސަލައިގައި ކުރިން ހައްޔަރު ކުރި މުޖާޒު އަހުމަދު ހުރި ކަމަށާއި އެ ދެމީހުން އެކުގައި އެ ޕާކުގައި މަޑުކޮށްގެން ތިބި ކަމަށް ރިޔާޒް ވިދާޅުވިއެވެ.
އެއަށްފަހު އެ ދެމީހުންއެކުގައި ޕާކުތެރެއިން ނުކުމެގެން ގޮސް ރެހެންދި ހިނގުމުން އުތުރަށް ގޮސް ޓީވީއެމް ކުރިމަތީ ހުންނަ ޕާކަށްވެސް ވަދެ އެ ޕާކު ތެރޭގައި ވެސް މަޑުކޮށްގެން ތިބި ކަމަށް ރިޔާޒް ވިދާޅުވިއެވެ.
ވ. ތިނަދޫ އަށް އުފަން އުމުރުން 25 އަދުހަމް އަކީ މި ހަމަލާގައި އިސްކޮށް ހަރަކާތްތެރިވީ ފަރާތްކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާ ވަނީ މިއަދު ފަތިހު 4:25 ހާއިރު ހައްޔަރުކޮށްފައި ކަަމަށް ފުލުހުން ބުނެއެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ މިހާރު އޭނާ އުޅޭ ހުޅުމާލެ ފްލެޓް 9-5ޖީ-02 ގައި ހުއްޓާ އެވެ. މީގެ އިތުރުން މި މައްސަލައިގައި ކުރިން ހައްޔަރު ކުރި ދެ މީހުންނަކީ މުޖާޒު އަހުމަދު، މއ. ފޭރުގެ 21 އ އާއި ތަހުމީން އަހުމަދު ފޮޅޭމާ/ގއ ކޮނޑޭ، 32 އ އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، އެ ތިން މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެެއް ޖަހާފައިވާ ކަަމަށެވެ.
މިއަދު ފުލުހުން ވަނީ މެއިން ސަސްޕެކްޓް ކަަމަށް ބުނެ ހައްޔަރު ކުރި އަހުމަދު އަދުހަމް ބޮމުގެ ހަމަލާ ދިން ވަގުތު އެ ސަރަހައްދުގައި އޭނާ ހަރަކާތްތެރިވި ގޮތުގެ ވީޑިއޯ ފުޓޭޖް އާންމު ކޮށްފައެވެ. އެ ވިޑިއޯއިން ފެންނަނީ އަދުހަމް އިމްރާތެއްގެ ތެރޭގައި ފާރުގައި ލެގިލައިގެން ފޯނަކަށް ވާހަކަ ދައްކަން ހުންނަ މަންޒަރެވެ. ހުދުކުލައިގެ އަތްދިގު ގަމީހެއް ލައިގެން ހުރި އަދުހަމް ފޯނަށް ވާހަކަ ދައްކަން ހުންނަ އިރު ދޭތެރެ ދޭތެރެއިން ފައިވާން ބާލައި އެއްފައި ފާރުގައި ވިއްދާލައެވެ. އަދި އޭނާ އިރުކޮޅެއް ފަހުން އެ އިމާރާތުން ބޭރަށް ނުކުންނަން ދާ ވަގިތި އޭނާގެ އަތުގައި ރިމޯޓެއް ޒާތުގެ އެއްޗެއް އޮތް ތަން ފެނެއެވެ.
އޭސީޕީ ރިޔާޒް މި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ފޮރެންސިކުން ވަނީ ފާރުގައި ހުރީ ފައިތިލައިގެ ނިޝާން ނަގާފައި ކަމަށެވެ. އަދި އާންމުންގެ މީހަކު ދިން މައުލޫމާތާއެކު، އޭނާ ގޭގައި ހުއްޓާ ހައްޔަރު ކުރުމަށްފަހު އޭނާގެ ފައިގެ ނިޝާން ނަގާފައިވާ ކަަމަށާއި އަދި އެ ދެ ނިޝަން ދިމާވާ ކަމަށް ފުލުހުން ބުނެއެވެ.