ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ މަގާމަށް ވަކާލާތު ކުރަމުން އަންނަ ޗައިނާއިން މިހާތަނަށް އުދުއްސާލި އެންމެ ބޮޑު ރޮކެޓް ޖައްވު ތެރޭގައި ހަލާކުވެފައި ވާއިރު، އެ ރޮކެޓްގެ ބައިތައް މިއަދު ހެނދުނުގެ ވަގުތެއްގައި ރާއްޖޭގެ ހުޅަނގުން، އިންޑިއާ ކަނޑުގެ ސަރަހައްދަށް ވެއްޓިފައި ވާ ކަމަށް ޗައިނާ ސަރުކާރުން ހާމަކޮށްފިއެވެ.
ދުނިޔޭގެ ވައިގެ ސަތަހައަށް އަނބުރާ ވަނުމުގެ ތެރޭގައި ރޮކެޓްގެ ބޮޑު ބައި ހަލާކުވެފައި ވާއިރު، ރޮކެޓްގެ ބައިތައް ވެއްޓިފައި ވަނީ 72.47 ޑިގްރީ އިރު އަދި 2.65 ޑިގްރީ އުތުރު ގުޅޭ ސަރަހަށް ކަމަށް، ޗައިނާގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.
ދުނިޔޭގެ ޗާޓަށް ބަލާއިރު، 72.47 ޑިގްރީ އިރު އަދި 2.65 ޑިގްރީ އުތުރު އަކީ، ދ.ކުޑަހުވަދޫގެ ހުޅަނގުން އޮންނަ ސަރަހައްދެވެ. ރާއްޖޭގެ ހުޅަނދަށް، ރޮކެޓްގެ ބައިތައް ވެއްޓިފައި ވާ ކަން، ޗައިނާގެ ސްޕޭސް އޭޖެންސީއިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައި ވާ ގޮތުގައި، ރޮކެޓްގެ ބައިތައް ދުނިޔެއަށް އެތެރެވެފައި ވަނީ ޖީއެމްޓީ ގަޑިން ރޭ ދަންވަރު 02:24ގައެވެ. އެއީ ރާއްޖެ ގަޑިން ހެނދުނު 07:24 ހާއިރެވެ.
ޔޫސްއެސް ސްޕޭސް ކޮމާންޑް ސެންޓަރުން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، ޗައިނާގެ "ލޯންގް މާޗް5-ބީ" ދުނިޔެއަށް އެތެރެވެފައިވަނީ އަރަބި ޕެނިންސިއުލާ ސަރަހައްދުން ކަން ކަށަވަރު ވާ ކަމަށެވެ.
ޖައްވު ތެރޭގައި މި ރޮކެޓް ހަލާކުވުމާއެކު، މީހުން ދިރިއުޅޭ ސަރަހައްދަކަށް ރޮކެޓް ބައިތައް ވެއްޓިދާނެ ކަމުގެ ބިރު އޮތުމުން އެ ބަހުސްތައް އޮތީ ހޫނުވެފައެވެ. އަދި މިކަމުގައި ޗައިނާ ފަރުވާ ކުޑަ ކޮށްފައި ވާ ކަމުގެ އިލްޒާމް، އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވަނީ އަމާޒު ކުރައްވާފައެވެ. ނަމަވެސް ޗައިނާއިން މިކަމާ ދެކޮޅު ހަދައެވެ.
ޗައިނާއިން ވަނީ ރޮކެޓްގެ ބައިތަކާ ގުޅިގެން އެއްވެސް ވަރެއްގެ ނުރައްކަލެއް ނޯންނާނެ ކަމަށް ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން ދިވެހިރާއްޖޭގެ ރަސްމީ އެއްވެސް އިދާރާއަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އަދި މިކަމާ ގުޅިގެން އާންމު ފަރާތަކުން ރިޕޯޓެއް ކުރި ކަމުގެ މައުލޫމާތެއްވެސް އަދި ލިބިފައެއް ނުވެއެވެ.