ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅާ ކައިރީގައި އެއްޗެއް ގޮއްވާލާ ދިން ބޮމުގެ ހަމަލާގައި، ބޮން ގޮއްވާލިކަމަށް ތުހުމަތު ކުރެވޭ އެންމެ އިސް މީހާ ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ތިން ގަޑިއިރެއްހާއިރުގެ އޮޕަރޭޝަނަށް ފަހު، ފުލުހުން އޭނާ ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ މިއަދު ހެނދުނު 7:00 ހާއިރު ހުޅުމާލެ ފުލެޓު 95G02 އިންނެވެ. ފުލުހުން ބުނެފައި ވަނީ މިއަދު ހެނދުނު ހައްޔަރުކުރި މީހާއަކީ ރައީސް ނަޝީދަށް ހަމަލާ ދިނުމަށް ބޮން ގޮއްވާލި ކަމުގެ ތުހުމަތުގައި ފުލުހުން ހޯދަން އިއުލާންކުރި މީހާއެވެ. އޭނާއަކީ އެ ހަމަލާ ދިން ވަގުތު "އަތަމާ ޕެލަސް" ކުރިމަތީގައި ހުރި މީހާއެވެ.
އެ ހަމަލާއާ ގުޅިގެން އިއްޔެ ވަނީ އިތުރު 2 މީހުން ހައްޔަރުކޮށް އެ މީހުންގެ ވަނަވަރު ހާމަ ކޮށްފައެވެ.
ހައްޔަރު ކުރި ދެ މީހުންނަކީ މުޖާޒު އަހުމަދު، މއ. ފޭރުގެ 21 އ އާއި ތަހުމީން އަހުމަދު ފޮޅޭމާ/ގއ ކޮނޑޭ، 32 އ އެވެ. މީގެ ތެރެއިން މުޖާޒަކީ އެ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ އާއި ސީދާ ގުޅުމެއް އޮތް މީހެއް ކަމަށް އޭސިޕީ ރިޔާޒު ވިދާޅުވިއެވެ.
ފުލުހުން އިއްޔެ ބުނީ މައްސަލަ އާއި ގުޅުން ހުރި ހަތަރު މީހަކު ފާހަގަ ކުރެވިފައިވާ ކަމަށެވެ. މިއަދު ހައްޔަރު ކުރި ދެމީހުންނަކީ އެ ހަތަރު މީހުންގެ ތެރޭ ހިމެނޭ ބައެއް ކަމަށް އޭސީޕީ ރިޔާޒު ވިދާޅުވިއެވެ.
ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ މައްސަލައިގައި ހައްޔަރުކުރި ދެ މީހުންނަކީ ހަރުކަށި ފިކުރުގެ ބައެއް ކަމަށާއި އެ މީހުންނަކީ މީހުން މަރަން ފަސް ނުޖެހޭނެ ފަދަ ނުރައްކާތެރި ފިކުރުގެ ބައެއް ކަމަށެވެ. ނަމަވެސް އެ މީހުން ނިސްބަތް ވަނީ ހަރުކަށި ކޮން ފިކުރަކާ ކަމެއް ނޭނގޭ ކަމަށް ހަމީދު ވިދާޅުވިއެވެ.
މިއަދު ފުލުހުން ވަނީ ބުރާސްފަތި ދުވަހުގެރޭ މަޖީދީމަގާއި ނީލޯފަރު ހިނގުން ގުޅޭ ސަރަހައްދުގައި ދިން ހަމަލާގެ ވީޑިއޯ ފޫޓޭޖެއް ވެސް އާންމު ކޮށްފައެވެ. އެ ފޫޓޭޖުން ފެންނަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގެއިން ނިކުމެވަޑައިގެން ފައިމަގުގައި ހިންގަވައި މަޖީދީމަގުގައި ޕާކުކޮށްފައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރައި ވަޑައިގަންނަވަން ދާ މަންޒަރެވެ. އަދި ގޮވާއެތި ހަރުކޮށްފައި ހުރި ސައިކަލާ އަރާހަމަ ވީތަނާ އެ ސައިކަލު ގޮއްވާލާ އިރު އެ ސަރަހައްދުގައި އާންމުންގެ ގިނަ ބަޔަކުވެސް އުޅޭތަން ފެނެއެވެ.
ފުލުހުން ވަނީ އެ ހާދިސާ ހިނގި ވަގުތު އަދި އޭގެ ކުރިންވެސް އެ ސަރަހައްދުގައި ތިބި އާންމުންނަށް، ހަމަލާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް އަދި ޝައްކު ކުރެވޭ ކަމެއް ފާހަގަ ވާނަމަ އެ މައުލޫމާތު ހިއްސާ ކޮށްދިނުމަށް އެދިފައެވެ.