ގައުމުގެ އިސް މަގާމުތަކުގައި ތިއްބަވާ މީހުންނަށް ސެކިއުރިޓީ ދޭ ގޮތާ ބެހޭ ގޮތުން ކަންބޮޑުވެ ވަޑައިގެން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ސަލާމަތީ ބާރުތަކަށް ފާޑުވިދާޅުވެއްޖެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ބޮންޑޭ ވިދާޅުވީ، އެމަނިކުފާނަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ އިންޒާރު ލިބިވަޑައިގެން އެވާހަކަތައް އެތައް ފަހަރަކު ކަމާ ބެހޭ ފަރާތްތަކަށް އެންގެވި ކަމަށެވެ. އެގޮތުން ސަލާމަތީ ކަންކަމާ ބެހޭ ފަރާތްތަކުން ދިން ހައި ސެކިއުރިޓީ ވަނީ ބައްތި ފޯނަކުން ފޫއަޅުވާލާފައި ކަމަށް ވިދާޅުވެ އޭނާ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވާފައެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށްގެން މިފަދަ ހަމަލާއެއް އަންނަން އުޅޭކަން މާ ކުރިން ކަމާބެހޭ ފަރާތްތަކަށް އަންގަވަމުން ގެންދެވި ކަމަށެވެ. ނަމަވެސް އެ ރޭ (ބުރާސްފަތި ދުވަހުގެ ރޭ) ހަމަލާ ދިން ގޮތުން، ސަލާމަތީ ބާރުތަކުން ރައީސް ނަޝީދުގެ ސެކިއުރިޓީ ހައި ކުރިކަމަށް ބުނި ނަމަވެސް އެކަން ކޮށްފައި ނެތްކަން ސާބިތުވާ ކަމަށެވެ. އަދި މިފަދަ އެލާޓްތައް އަންނަ އިރު ރާއްޖޭގެ ސެކިއުރިޓީ އެ ފެންވަރަށް ތައްޔާރު ވެފައި ނެތް ކަން ހާމަވެގެން ގޮސްފިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅަށް އަރައިވަޑައިގަތުމަށް ދެ ފޫޓަށް (ތަންކޮޅަކަށް) ހިންގަވާފައި ނުދެވެނީސް އެމަނިކުފާނަށް އެވަރުގެ އަނިޔާ ލިބުމަކީ މި ވަގުތު ހައި ސެކިއުރިޓީ އާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ބޮންޑޭ ސިފަކުރެއްވިއެވެ. އަދި މިފަދަ ހަމަލާއެއް ދޭ ބަޔަކު ބައްތި ފޯނަކުން ސްވިޗަކަށް ފިތާލައިގެން މިފަދަ ކަނަކަން ކުރެވޭ އިރު އެކަން އިންޓެލިޖަންސަށް ނޭނގި އޮތުމަކީ ލަދު ގަންނަން ޖެހޭ ކަމެއް ކަަމަށާއި ކަން މިހެން ދިމާވެފައި ވަނިކޮށް ހައި ސެކިއުރިޓި ދިން ކަމަށް ބުނެ ވާހަކަ ދައްކަން ލަދުގަންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދިން މި ހަމަލާއަކީ ސީދާ އެ މަނިކުފާނު އަވަހާރަކޮށްލުމަށް ހިންގި ފިނޑި އަމަލެއް ކަމަށް ބޮންޑޭ ވިދާޅުވިއެވެ. އަދި މި ދަނޑިވަޅުގައި މި ފަދަ ކަންކަން ތަހުގީގު ކުރެވޭ ފަދަ ގާބިލް މީހުން މި ގައުމުގައި ތިބި ކަމަށާއި ސިކުނޑީގެ ބޭނުން ކޮށްގެން މަސައްކަތް ކުރުމަށް އޭނާ ގޮވާލެއްވިއެވެ.
މިއަދު ފުލުހުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މި ހާދިސާ ހިނގި ސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާއެއްގެ ފުޓޭޖް އާންމުކޮށްފައެވެ. އެ ވީޑިއޯއިން ފެންނަނީ ރައީސް ނަޝީދާ އެކު ތިން މީހަކު ހިންގަވާފައި ދާ މަންޒަރެވެ. އެ ގޮތުން އެންމެ ކުރީގައި ބޮޑީގާޑެއް ހުރި އިރު ދެވަނަ އަށް ހުންނަނީ އިނދިރޭސި ފަތުރުވެރިއެކެވެ. އޭނާގެ ފަހަތުން ރައީސް ނަޝީދު ހިންގަވާފައި ދާއިރު އެމަނިކުފާނުގެ ފަހަތްޕުޅުގައި އިތުރު ބޮޑީގާޑެއް ހުރެއެވެ.
މި ވީޑިއޯ ފުޓޭޖް އާންމު ވުމާއެކު ގިނަ ބަޔަކު ވަނީ ރައީސް ނަޝީދަށް ދިން ހައި ސެކިއުރިޓީއާ މެދު ސުވާލު އުފައްދާފައެވެ. ހައި ސެކިއުރިޓީއެއް ފޯރުކޮށްދޭ އިރު އެމަނިކުފާނާ އެމަނިކުފާނުގެ ބޮޑީގާޑާ ދެމެދުގައި އިތުރު އެހެން މީހަކަށް ހުރެވިގެން ނުވާނެ ކަމަށް ބުނެ އާންމުން އަންނަނީ ދިވެހި ސަލާމަތީ ބާރަށް ފާޑު ކިޔަމުންނެވެ.
ޝަމާލް އަާއި ހަމީދު ވަގުތުން އިސްތިއުފާ ދިނުމަށް ގޮވާލަން.