ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދޭ މަންޒަރު ފެންނަ ވީޑިއޯ އާންމު ކޮށްފިއެވެ.

މި ވީޑިއޯ ފުލުހުން ހާމަކޮށްފައި ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ވިޑިއީއޯއިން ފެންނަނީ ރައީސް ނަޝިދުގެ ގެކޮޅު ގ. ކެނެރީގެއިން އެމަނިކުފާނު ނުކުމެވަޑައިގެން ނީލޯފަރު ހިނގުމުން އެމަނިކުފާނުގެ ބޮޑީގާޑުންނާ އެކީގައި ހިންގަވާފައި ކާރުކޮޅަށް އަރާވަޑައިގަތުމަށް ވަޑައިގަންނަވާ މަންޒަރެވެ. ރައީސް ނަޝީދުގެ ފަހަތްޕުޅުގައި ބޮޑީގާޑެއް ހުންނަ އިރު އެމަނިކުފާނުގެ ކުރިފުޅުމަތީގައި ވެސް ބޮޑީގާޑެއް ހުއްނަ މަންޒަރު ސާފުކޮށް ފެނެއެވެ. ނަމަވެސް ރައީސް ނަޝީދާއި ކުރީގައި ހުންނަ ބޮޑީގާޑާ ދެމެެދު ބްރިޓިޝް ފަތުރުވެރިޔާ ހުންނަ މަންޒަރު ފެނެއެވެ.

ރައީސް ނަޝީދަށް ހަމަލާދޭ ވަގުތުކޮޅު ފެންނަމަންޒަރުތަކާއި މީހުން

ނީލޯފަރު ހިނގުމާއި މަޖީދީ މަގާއި ގުޅޭ ސަރަހައްދުގައި އެމަނިކުފާނުގެ ކާރުކޮޅު ޕާކުކޮށްފައިވާ އިރު އެ ސަރަހައްދުގައި ގިނަ ސައިކަލުތަކެއް ޕާކިން ޒޯންގައި ޕާކް ކޮށްފައި ހުރެއެވެ. އަދި އެ ވަގުތު އެ ސަރަހައްދުން އާންމުންގެ ބަޔަކު ހިނގާފައިދާ މަންޒަރު ވެސް އެ ފުޓޭޖުން ފެނެއެވެ. އެމަނިކުފާނާއި ބޮޑީގާޑުން އެކީގައި ހިންގަވާފައި ވަޑައިގެން އެ ގޮވާއެތި ހަރުކޮށްފައި ހުރި ސައިކަލާ އަރާހަމަވުމާ އެކު އެ ސައިކަލު ގޮވާ މަންޒަރު ފެނެއެވެ. އަދި އެ ވަގުތު އެ ސަރަހައްދު ދުމާއެކު ފުސްވެއެވެ. މަދު ސިކުންތުކޮޅެއްގައި ދުމުގެ އަސަރު ފަނޑުވާއިރު ރައީސް ނަޝީދު ކޮޅަށް ހުންނަވާ ތަނެއް ނުފެއެވެ.

މި ހާދިސާގައި އެމަނިކުފާނަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. މެއާ ދިމާއަށް ވަދެފައި ހުރި ރޭޒާ ފުއް ވަދެފައި ހުރީ ފުއްޕާމޭ ފޫއަޅާފައި ކަމަށާއި، މެއަށް ނުވަދެ ހުރީ ކަށިގަނޑެއްގައި ޖެހުމުން ކަމަށް އޭޑީކޭއިން ވަނީ ބުނެފައެވެ. އަދި އެ ކަށިގަނޑު ވަނީ ފުނޑިފައި ކަމަށާއި އެ ކަށިގަނޑުން 1 ސެންޓިމީޓަރު ތިރިޔަށް ރޭޒާފުއް ޖެހުނު ނަމަވެސް ހިތުގެ ތެރެއަށް ރޭޒާފުއް ވަންނާނެ ކަމަށް ކަށީގެ ޑޮކްޓަރު ޑރ. ހުސައިން ޝަކީލް ވަނީ ވދާޅުވިއެވެ. ޑރ. ޝަކީލް އިތުރަށް ވިދާޅުވެފައި ވަނީ ހަށިގަނޑު ތެރެއަށް ލޭޒާފުއް ތައް ވަދެފައި ވަނީ ވާތްފަރާތުން ކަމަށާއި ރޭޒާފުއް ވަދެފައި ވާ އިރު ފުއްޕާ މޭ ފޫއަޅާ ގޮސް ޖެހިފައި އިން ކަށިގަނޑު ހަލާކުވެ ކަށިގަނޑުގެ އެތިކޮޅުތައް ފުއްޕާމެއަށް ހެރިފައިވާ ކަމަށެވެ.

ނަޝީދުއަށް ލިބިވަޑައިގެންފައިވާ އިތުރު އަނިޔާތަކުގެ ތެރޭގައި ފަލަ ގޮހޮރުގެ 2 ތަނަކުން ލޯވަޅު އެޅިފައިވާ ކަމަށާއި، އަދި މައިދާވެސް ފޫއަޅާފައި ވާކަމަށް ޑރ. ވިދާޅުވިއެވެ. މީގެ އިތުރުން ރޭޒާ ފުއް ވާއަތުގެ އުޅަނބޮށި ހުޅާއި އަދި ވާއަތު ފައިގެ ކަކުލު ހުޅާ ދިމާލަށް ވަނީ ވަދެފައެވެ. އޭގެ އިތުރުން ހަށިގަނޑުގެ 8 ދިމާއަކަށް ރޭޒާފުއް ވަދެ ޒަހަމްވެފައި ވާކަމަށް ޑޮކްޓަރުން ވަނީ ހާމަކުރައްވާފައެވެ.

ފުލުހުން އިއްޔެ ބުނީ މައްސަލަ އާއި ގުޅުން ހުރި ހަތަރު މީހަކު ފާހަގަ ކުރެވިފައިވާ ކަމަށެވެ. މި ވީޑިއޯ އާންމު ކުރުމަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ މި މައްސަލައިގައި ހައްޔަރު ކުރި ދެމީހުންގެ ވަނަވަރާއި ފޮޓޯ އާންމު ކޮށްފައެވެ. ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހެޑް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، މި މައްސަލައިގައި ހައްޔަރު ކުރި ދެމީހުންނަކީ މީގެ ކުރިންވެސް ކުށުގެ ރެކޯޑު އޮތް ދެ މީހުން ކަމަށެވެ.

ހައްޔަރު ކުރި ދެ މީހުންނަކީ މުޖާޒު އަހުމަދު، މއ. ފޭރުގެ 21 އ އާއި ތަހުމީން އަހުމަދު ފޮޅޭމާ/ގއ ކޮނޑޭ، 32 އ އެވެ. މީގެ ތެރެއިން މުޖާޒަކީ އެ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ އާއި ސީދާ ގުޅުމެއް އޮތް މީހެއް ކަމަށް އޭސީޕީ ރިޔާޒު ވިދާޅުވިއެވެ.

ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ މައްސަލައިގައި ހައްޔަރުކުރި ދެ މީހުންނަކީ ހަރުކަށި ފިކުރުގެ ބައެއް ކަމަށާއި އެ މީހުންނަކީ މީހުން މަރަން ފަސް ނުޖެހޭނެ ފަދަ ނުރައްކާތެރި ފިކުރުގެ ބައެއް ކަމަށެވެ. ނަމަވެސް އެ މީހުން ނިސްބަތް ވަނީ ހަރުކަށި ކޮން ފިކުރަކާ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ހަމީދު ވިދާޅުވިއެވެ.

އަދިވެސް މި ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު މީހާ އަތުލައިގަނެވި ފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ވަނީ "މެއިން ސަސްޕެކްޓް" ކަމަށް ފާހަގަ ކުރެވޭ މީހެއްގެ ފޮޓޯ އާންމުކޮށް އެމީހާގެ މައުލޫމާތު އެނގޭ މީހަކު ވާނަމަ ފުލުހުންނަށް އެންގުމަށް އެދިފައެވެ. މީގެ އިތުރުން ފުލުހުން ވަނީ އެ ހާދިސާ ހިނގި ވަގުތު އަދި އޭގެ ކުރިންވެސް އެ ސަރަހައްދުގައި ތިބި އާންމުންނަށް، މި ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ޝައްކު ކުރެވޭ ކަމެއް ފާހަގަ ވާނަމަ އެ މައުލޫމާތު ހިއްސާ ކޮށްދިނުމަށް ވެސް އެދިފައެވެ.