ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ޓެރަރިސްޓު ހަމަލާ ދެވޭނެފަދަ ގާބިލު މީހުން ރާއްޖޭގައި ތިބި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (ސީޕީ) ވިދާޅުވީ ރޭ ދިން ފަދަ ހަމަލާއެއް ދެވިދާނެ ވަރުގެ މީހުން ރާއްޖޭގައި ތިބި ކަމަށެވެ.
މީގެ އިތުރުން ސީޕީ ވިދާޅުވީ ރޭ ދިން ހަމަލާއާ ގުޅޭ އެއްވެސް އިންޓެލިޖެންސް މައުލޫމާތެއް ފުލުހުންނަށް ލިބިފައިނުވާ ކަމަށާއި، އެކަމުގެ ޒިންމާ ފުލުހުން ނަގަންޖެހޭ ކަން އެނގޭނީ އެކަމުގެ ހާއްސަ ތަހުގީގަކަށް ފަހު ކަމަށާއި އެ ހަމަލާއާ ގުޅޭ އިންޓެލްއެއް ފުލުހުންނަށް ވެސް އަދި އެހެން އެއްވެސް ފަރާތަކުން ވެސް ލިބިފައިނުވާ ކަމަށް ސީޕީ ވިދާޅުވިއެވެ.
ރޭ ނަޝީދުގެ ގެކޮޅު ސަރަހައްދުގައި ހިނގި މި ހާދިސާގައި ވަނީ 6 މީހަކަށް އަނިޔާވެފައެވެ. އެ ގޮތުން އެމްއެންޑީއެފްގެ ތިން މީހަކު ހިމެނެއެވެ. އެކަކަށް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާ އިރު އަނެއް ދެމީހުންނަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. މިހާރު މި އެންމެން ވެސް ވަނީ ދޫކޮށްލާފައެވެ. މީގެ އިތުރުން ދިވެހި ފިރިހެނަކާއި ބިދޭސީ އަކަށް ވެސް މި ހާދިސާގައި އަނިޔާވެ ވަނީ އޭޑީކޭއަށް ފަރުވާ ދިނުމަށް ގެންގޮސްފައެވެ.
މިފަދަ ހާދިސާއެއް ހިނގާފައި ވާއިރު ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރަށް އުޅުނު މީހުން ދަތުރު ދިއުމުގެ ނަމުގައި ފަޅު ރަށްރަށަށް ގޮސް ތަމްރީނު ހެދުމާއި، ތިމަރަފުށީ ގޭގޭގައި ހަރުކަށި ފިކުރުގެ ކްލާސްތައް ހިންގުމާއި، ވަކި ޖަމާއަތް ހަދައިގެން ނަމާދު ކުރުން ފަދަ ކަންކަން ވެސް ކޮށްފައެވެ. އަދި ފުލުހުން ރ. ތިމަރަފުށީގައި ހިންގި އޮޕަރޭޝަނެއްގައި ދޯންޏަކާއި، 16 ގެއެއް ބަލާ ފާސްކޮށް، 8 މީހަކު ހައްޔަރު ވެސް ކުރިއެވެ.
އެމީހުންގެ މައްޗަށް ޓެރަރިޒަމްގެ ސީރިއަސް ތުހުމަތު ތަކެއް ކޮށްފައި ވާއިރު، އޭގެ ތެރޭގައި ހަރުކަށި ފިކުރު ފަތުރަން އުޅުމާއި، އައިއެސް ޖަމާއަތާ ގުޅިގެން ޓެރަރިޒަމް ހަމަލާ ދޭން އުޅުމާއި އަދި އެފަދަ އަމަލުތަކަށް ފަންޑު ކުރުމުގެ ތުހުމަތު ވެސް ހިމެނެއެވެ.