ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވެ 7 ވަނަ މީހަކުވެސް މަރުވެފައިވާ ކަމަށާއި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު 81އަށް އަރައިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭން ބުނީ އެމީހާ މަރުވެފައި ވަނީ ރޭ އިރުއޮއްސި 7:50 ހާއިރު ކަމަށެވެ. އަދި މަރުވެފައި ވަނީ 27 އަހަރުގެ ބިދޭސީ ފިރެހެނެއް ކަމަށް އެޗްޕީއޭން ބުނެއެވެ. އެ މީހާއަކީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވެ ކ. މާފުށީގައި ފަރުވާ ހޯދަމުން ދަނިކޮށް މަރުވި މީހެއް ކަމަށްވެސް އެޗްޕީއޭން މައުލޫމާތު ދެއެވެ.
އިއްޔެ އެކަނި ކޮވިޑް ބަލީގައި 7 މީހަކު މަރުވެފައިވާ އިރު އިއްޔެ ފަތިހު މަރުވީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެކެވެ. އެއަށްފަހު އިއްޔެ މެންދުރު 12:30 ހާއިރު އުމުރުން 83 އަހަރުގެ ދިވެހި އަންހެނަކު ވެސް ވަނީ މަރުވެފައެވެ.
ތިން ވަނަ މީހާ މަރުވެފައި ވަނީ އއ. ރަސްދޫއިންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އުމުރުން ދުވަސްވީ އިންޑިއާ މީހެކެވެ. އަދި އެމީހާ މަރުވެފައި ވަނީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައެވެ. އަދި ހަތަރު ވަނަ މީހާ މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލީޓިގައި ފަރުވާދެމުން ދަނިކޮށެވެ. އެއީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފަސް ވަަނައަށް މަރުވެފައި ވަނީ ޅ. ނައިފަރު ކޮވިޑް ފެސިލީޓިގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 97 އަހަރުގެ އަންހެނެކެވެ.
މިއީ އެއްދުވަހެއްގައި އެންމެ ގިނަ މީހުން ކޮވިޑު ބަލީގައި މަރުވި ދުވަހެވެ. ރާއްޖޭގައި ކޮވިޑު ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު އިއްޔެ އެކަނިވެސް 703 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ރާއްޖޭގެ ކޮވިޑު އެކްޓިވް ކޭސް މިވަނީ 7603 އަށް އަރާފައެވެ.