ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، މުހައްމަދު ނަޝީދަކީ ބަޔަކު ކުރާ ކަމަކުން ބިރުފުޅުން ފަސްޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށާ، ނަޝީދުގެ ސާބިތުކަމަށް ބަދަލެއް ނާންނާނެ ކަމަށް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ އެސް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

ޑރ ޖައިޝަންކަރު މިހެން ވިދާޅުވީ، ރައީސް ނަޝީދު ދިރިއުޅުއްވަމުން ގެންދަވާ ގެއިން ނިކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް، ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި، އެއްޗެއް ގޮއްވާލައިގެން ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން ކަންބޮޑުވުންފާޅު ކުރައްވާ، ކުރެއްވި ޓްވީޓެއްގައެވެ.

ޒަމާނީ ޑިމޮކްރަސީގެ ތެރެއިން ރާއްޖޭގައި ފުރަތަމަ އިންތިހާބު ކުރެވުނު ރައީސްއަށް އަމާޒުކޮށްގެން ދިން ހަމަލާއަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ދުނިޔޭގެ އެކި ޕޯޑިއަމްތަކާ ގާތް ގުޅުމެއް ދަމަހައްޓަވަމުން ގެންދަވާ ރައީސް ނަޝީދުގެ ވެރިކަމުގައިވެސް އަދި އަދުގެ ދިވެހި ސަރުކާރުންވެސް އެންމެ ގާތުން ގުޅުންތަކެއް ބާއްވަމުން އަންނަ އެއް ގައުމަކީ އިންޑިއާއެވެ.

ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދިން ހަމަލާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ، ކުރެއްވި ޓްވީޓްގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ ޖައިޝަންކަރު ވަނީ، ރައީސް ނަޝީދަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.

ރޭގެ ހަމަލާއާ ގުޅިގެން، އޭޑީކޭ ހޮސްޕިޓަލުގައި އަދިވެސް ނަޝީދަށް ފަރުވާ ދެމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ. މި ހަމަލާގައި 5 މީހަކަށް ވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފައެވެ. ދިވެހި ސަރުކާރުންވަނީ، މި ކަމުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ބޭރުގެ އެހީތެރިކަންވެސް ހޯދާފައެވެ.