ނައިފަރު ހޮސްޕިޓަލުން ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެ ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު 76 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު މެންދުރު 12:30 ހާއިރު އުމުރުން 83 އަހަރުގެ ދިވެހި ފިރެހެނަކު މަރުވެފައިވާ ކަމަށެވެ. އެ މީހާއަކީ ކޮވިޑަށް ޕޮޒިޓިވްވެ ޅ. ނައިފަރު ހޮސްޕިޓަލުން ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށްވެސް އެޗްޕީއޭން ބުނެއެވެ.

މިއީ މިއަދުގެ ދެވަނަ މަރެވެ. މިއަދު ފުރަތަމަ މީހަކު މަރުވެފައި ވަނީ ރޭ ދަންވަރު 3:18 ހާއިރެވެ. މަރުވެފައި ވަނީ އުމުރުން 77 އަހަރުގެ އަންހެނެކެވެ.

މިހާރަކަށް އައިސް ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރުވަމުން އަންނަ އިރު ބަލީގައި ފަރުވާ ހޯދުމަށް އެޑްމިޓް ކުރަން ޖެހޭ މިހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުން. އިއްޔެ ކޮވިޑް ބަލީގައި 700 އަށް ވުރެ ގިނަ ކޭސް ރިޕޯޓް ކޮށް އެކްޓިވް ކޭސްގެ އަދަދުވެސް ވަނީ 7100 އަށް އަރާފައެވެ.

އިއްޔެ ރިޕޯޓު ކުރި 734 ކޭސްގެ ތެރެއިން މާލެ ސަރަހައްދުން ރިޕޯޓު ކުރި ކޭސްގެ އަދަދަކީ 540 އެވެ. މާލެ ސަރަހައްދުން ގިނަ އަދަދަކަށް ކޭސްތައް ފެނުމާއެކު އެޗްޕީއޭއިން ވަނީ މާލެ ސަހަރައްދުގައި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަން އިއުލާން ކޮށްފައެވެ