ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ބާރުއެޅި ވެރިން، ރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭ ކަމަށް ވިދާޅުވެ ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

ދިޔާނާ ކަންބޮޑުވުން ފާޅު ކުރެއްވީ، މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް ފަހު ކޮވިޑަށް ޕޮޒިޓިވްވާ އަދަދު އިތުރުވުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން ދިޔާނާ ވިދާޅުވީ އިންތިހާބު ބާއްވާފައި ވާ އެހެން ގައުމުތަކުގެ ހާލަތު އެނގި ތިބެ ރާއްޖޭގައި އިންތިހާބެއް ބާއްވަން ބާރުއެޅި ފަރާތްތަކުން ރައްޔިތުންގެ ކިބައިން މާފަށް އެދެން ޖެހޭ ކަމަށެވެ.

އަދި ސިޔާސީ ބާރުވެރިކަމާއި ރައްޔިތުންގެ މަސްލަހަތުގެ ތެރެއިން އިސްކަން ދީފައި ވަނީ ސިޔާސީ ބާރުވެރި ކަމަށް އޭނާ ވިދާޅުވިއެވެ.

ހާލަތު މިހެން އޮތްކަން އެނގިތިބެ، އަދި އިންތިހާބު ބޭއްވި ގައުމުތަކުގެ ހިތި ތަޖުރިބާ އެނގި ތިބެ އިންތިހާބު ބާއްވަން "ހަންމުށި" އެޅި ވެރިން، އެންމެ ކުޑަ މިންވަރުން ރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭ، ސިޔާސީ ބާރުވެރިކަމާއި ރައްޔިތުންގެ މަސްލަހަތާއި ދެކަމުން އިސްކަން މި ދެވުނީ ބާރުވެރި ކަމަށްތާ
ދިޔާނާ

ދިޔާނާ އެފެދައިން ވިދާޅުވެފައި ވާއިރު، އޭޕްރީލް މަސް ފެށުނު އިރު ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް ހުރީ 8.28 ޕަސެންޓުގައި ނަމަވެސް އިންތިހާބު ބޭއްވި އޭޕްރީލް 10 އާ ހަމަޔަށް ދިޔައިރު އެ ރޭޓު ހުރީ 4.31 ޕަސެންޓުގައެވެ. އެ 10 ދުވަހުގެ އެވްރެޖް ރޭޓަކީ 4.38 އެވެ. އެއީ އެ މުއްދަތުގައި ކޮވިޑަށް ޓެސްޓްކުރި 31،475 ސާމްޕަލުން 1،357 ސާމްޕަލް ޕޮޒިޓިވް ވެގެންނެވެ. މިއީ އިންތިހާބުގެ ކުރިން އޭޕްރީލް 1 ގައި ދިން ލުއިތަކާ އެކުގައެވެ.

އިންތިހާބަށް ހަފްތާ ފަހުން ކޮވިޑްގެ ޕޮޒިޓިވި ޓި ރޭޓް 6.54 ޕަސެންޓަށް އެރިއެވެ. އަދި އިންތިހާބު ބޭއްވި ހަފުތާގައި ކޮންމެ ދުވަހެއްގެ ކޭސްތަކުގެ އަދަދު 100 އިން ދަށުގައި ހުރުމަށް ފަހު ޖެހިގެން އައި ހަފުތާގައި 100 އިން މަތިވިއެވެ. އެ ހަފުތާގައި އެންމެ ގިނައިން ފެނުނު ދުވަހު ވެސް އެރީ 95 އަށެވެ. އެކަމަކު އިންތިހާބަށް ހަފުތާއެއްވުމާ އެކު ޖެހިގެން އައި ދުވަހު 124 އަށް އެރިއެވެ. އިންތިހާބަށް ފަހު ތިން ވަނަ ހަފުތާގައި އަނެއްކާވެސް ނަންބަރުތައް ދެ ގުނަ އިތުރުވެ، ޕޮޒިޓިވިޓީ ރޭޓް އެވްރެޖް 6.54 ގައި ހުރުމަށް ފަހު 10.45 އަށް އެރިއެވެ.

އެގޮތުން އޭޕްރީލް މަސް ފެށުނު ފަހުން އިއްޔެގެ ނިޔަލަށް 115،232 ޓެސްޓުކޮށްފައިވާއިތު އޭގެ ތެރެއިން 8،586 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.