ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްއާ ބައްދަލުކުރައްވައިފިއެވެ.

ވާޗުއަލް ޕްލެޓްފޯމްގައި ބުދަ ދުވަހު ކުރިއަށް ގެންދެވި ބައްދަލުވުމުގައި، ޝާހިދު ވަނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ މި ބަލިމަޑުކަމުގައި އދއިން ދިވެހިރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީ ފާހަގަ ކުރައްވާ އެކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.

އެގޮތުން، ޔޫއެން ކޮވިޑް-19 ރެސްޕޯންސް އެންޑް ރިކަވަރީ މަލްޓި-ޕާޓްނާ ޓްރަސްޓް ފަންޑުގެ ދަށުން، އދއިން ރާއްޖޭގައި ހިންގި 2 މަޝްރޫއުގެ ސަބަބުން، ރާއްޖޭގެ އާބާދީގެ އެންމެ ނާޒުފު ގުރޫޕުގައި ތިބި މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އެހީ ލިބުނު ކަން، ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ޝާހިދުގެ އަރިހުގައި، މިނިސްޓާ އޮފް ސްޓޭޓް ފޮ ފޮރިން އެފެއާޒް އަހުމަދު ޚަލީލު އަދި ދިވެހިރާއްޖެއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، ތިލްމީޒާ ހުސައިންވެސް ބައިވެރިވެވަޑައިގަތެވެ.

އދގެ ސެކްރެޓަރީ ޖެނެރަލާއެކު ޝާހިދު ކުރިއަށް ގެންދެވި މަޝްވަރާތަކާ ބެހޭ އިތުރު ތަފްސީލު ހޯދުމަށް ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ސުވާލު ކުރުމުން، އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.