ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ރެކޯޑް އަދަދުތަކުން ރިޕޯޓް ކުރަމުން އަންނަ އަވަށްޓެރި އިންޑިއާއިން، ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި، މި ބައްޔަށް، އިތުރު 412262 މީހަކު ޕޮޒިޓިވްވެފައި ވާ ކަމަށް އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިއީވެސް ކޮވިޑް-19ގެ ބަލިމަޑުކަން އިންޑިއާއިން ރިޕޯޓް ކުރަން ފެށި ފަހުން، އެއް ދުވަހާ އެންމެ ގިނަ އަދަދަކަށް ކޭސް ރިޕޯޓް ކުރި ރެކޯޑް އަދަދެކެވެ.
އެންމެ ފަހުން ރިޕޯޓް ކުރި 4.12 ލައްއަކަށް ވުރެ ގިނަ ކޭހާއެކު އިންޑިއާއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި ސާމްޕަލްތަކުގެ އަދަދު ވަނީ 21077410 އަށް އަރާފައެވެ. ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި 3980 ކޮވިޑް މަރު ރިޕޯޓް ކޮށްފައި ވާއިރު، މިހާތަނަށް މި ބަލީގައި އެ ގައުމުން މަރުވި މީހުންގެ އަދަދު 230168 އަށް އަރައެވެ.
އިންޑިއާގައި މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 3566398 ކޭހެއް ފާހަގަ ކޮށްފައި ވާއިރު، ސިއްހީ ހިދުމަތުގެ ނިޒާމް ވަނީ މުޅިން އިނދަޖެހިފައެވެ. އިންޑިއާއިން ކޮވިޑަށް ޕޮޒިޓިވްވި ކޭސްތަކުގެ ތެރެއިން، ޝިފާ ލިބި ރަނގަޅުވި ކޭހުގެ އަދަދަކީ 17280844 އެވެ.
އިންޑިއާއިން ދަނީ ކޮވިޑުން ދިފާއުވުމަށް ވެކްސިން ކެމްޕޭންވެސް ހިންގަމުންނެވެ. މި ކެމްޕޭންގެ ދަށުން، މިހާތަނަށް 162513339 ޑޯޒްގެ ވެކްސިން ވަނީ ޖަހާފައެވެ.