ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އަދަދު ގިނަވެފައިވާ މި ދަނޑިވަޅުގައި، ބަލި މީހުންނަށް ފަރުވާ ދިނުމަށް އިތުރު މުވައްޒަފުން ހޯދުމަށް ކުރި އިއުލާނާއެކު، ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ.

ފަޒްނާ ވިދާޅުވީ، ފުރުސަތު ދެއްވައިފި ނަމަ، އެކަމުގައި ބައިވެރިވެ ވަޑައިގަންނަވަން ތައްޔާރުކަމަށެވެ. ފަޒްނާ ވަނީ މީގެ ކުރިންވެސް، ކޮވިޑް-19ގެ ކަންކަމުގައި ވޮލަންޓިއާކޮށް މަސައްކަތް ކުރައްވާފައެވެ.

މިނިސްޓްރީ އޮފް ހެލްތުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑްގެ އޮޕަރޭޝަންގައި ބައްޔަށް ޕޮޒިޓިވްވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ފަންނީ އިތުރު މުވައްޒަފުން ހޯދުމަށް ބޭނުންވެފައިވާ ކަމަށެވެ. އެ މަސައްކަތުގައި ވޮލަންޓިއާ ކުރަން ބޭނުންވާ ހެލްތު ޕްރޮފެޝަނަލުންގެ ވަނަވަރު އީމެއިލް ކުރުމަށް ހެލްތުން ވަނީ އެދިފައެވެ.

ވޮލެންޓިއަރުން ހޯދުމަށް ކުރި އިއުލާނާއެކު، ފަޒްނާ އަހްމަދު، އެކަމަށް ޝައުގުވެރިކަން ފާޅުކުރައްވާ ސޯޝަލް މީޑިއާގައި ލިޔުއްވި ލިޔުންކޮޅުގެ ސްކްރީން ޝޮޓެއް

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އިންތިހާއަށް ގިނަވެ، ހޮސްޕިޓަލުތަކަށް ބާރުބޮޑުވަމުން އަންނަ ދަނޑިވަޅުގައި އިތުރު މުވައްޒަފުން ހޯދުމަށް އިއުލާން ކޮށްފައި ވާއިރު، އިއްްޔެ އެކަނި 601 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 440 މީހަކާއި، ހިންގަމުން ދާ ރިސޯޓުތަކުން 19 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 141 މީހަކާއި އިންޑަސްޓްރީއަލް މަސައްކަތްތަކަށް ބޭނުންކުރާ ރަށްރަށުން 11 މީހެކެވެ.