ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ދައުވާ އުފުލައި ހައްޔަރު ކޮށްފައި ހުއްޓާ ގައްދޫ ކައުންސިލްގެ ރައީސްކަމަށް އިންތިހާބު ވި ގދ. ގައްދޫ ވިންސެންޓް، މުހައްމަދު އަހްމަދު (އެމްޑީ) ޖަލުން ދޫކޮށްލައިފިއެވެ.
ކަރެކްޝަންސް ސާވިސް އިން މިކަން ވަނީ 'ދަ ޕްރެސް' އަށް ކަށަވަރުކޮށް ދީފައެވެ. ކަރެކްޝަންސް އިން ބުނީ، އޭނާ ދޫކޮށްލީ ކޯޓުން އެފަދައިން ނެރުނު އަމުރަކާ ގުޅިގެން ކަމަށެވެ.
މުހައްމަދު އަހުމަދު ވަނީ މީގެ ކުރިންވެސް ގައްދޫ ކައުންސިލް ރައީސް ކަން ކޮށްފައެވެ.
މިއަދާ ހަމައަށް އައި އިރު މުހައްމަދު އަހުމަދުގެ މައްޗަށް ޖުމްލަ ތިން ދައުވާއެއް އޮތީ އުފުލާފައެވެ. އަދި އެ މައްސަލަތަކާ ގުޅިގެން ކައުންސިލް އިންތިހާބު ކުރިއަށް ދިޮޔަ އިރު އޭނާ ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
މުހައްމަދު އަހުމަދުގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާއެވެ. އެއީ 2015 ވަނަ އަހަރު އެނާ އެ ރަށު ކައުންސިލް ރައީސް ކަމުގައި ހުންނެވި ދުވަސްވަރު ހިނގި ކަމެކެވެ. މި ދައުވާގެ މައްސަލަ އަދިވެސް އޮތީ ގައްދޫ މެޖިސްޓްރޭޓު ކޯޓުގައެވެ.
ހަމައެއާއެކު މިދިޔަ އަހަރު ފަހުކޮޅު ތެރޭ މުހައްމަދު އަހުމަދުގެ މައްޗަށް ވަނީ މީހަކު ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ވެސް އުފުލާފައެވެ. މި ދައުވާތަކުގެ ޝަރީއަތް އަދި ފަށާފައެއް ނުވެއެވެ.
މި ދައުވާތަކަކީ ޕީޕީއެމްގެ ފަރާތުން މުހައްމަދު އަހުމަދު ގައްދޫ ކައުންސިލް ރައީސް ކަމަށް ކުރިމަތިލި އިރު ވެސް އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކެކެވެ. މި ދައުވާތަކުގެ އެއްވެސް މައްސަލައެއް ޝަރީއަތަށް އަދި ސާބިތުނުވާތީވެ، އިލެކްޝަންސް ކޮމިޝަނުން މުހައްމަދު އަހުމަދުގެ ކެންޑިޑެސީއާ މެދު ވަކި ގޮތެއް ނިންމާފައެއް ނުވުމުން އޭނާއަށް ވަނީ އިންތިހާބުގައި ވާދަކުރަން ފުރުސަތު ލިބިފައެވެ.
ޕީޕީއެމްއިން ވަނީ އެ މައްސަލަތައް ބަލައި، ޕާޓީގެ ފަރާތުން މުހައްމަދު އަހުމަދަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް މީގެ ކުރިން ބުނެފައެވެ.