ފިޝަރީޒް މިނިސްޓަރީގެ ވަޒީރަކަށް ޑރ. ހުސެން ރަޝީދު ހަސަން ހަމަޖައްސަވާއި، އެންވާރަމަންޓް މިނިސްޓްރީގެ ނަން ބަދަލުކޮށް އެތަނަށް ރައީސް އޮފީހުގައި ޕޮލިސީ ސެކްރެޓަރީ ކަމުގެ މަގާމުގައި ހުންނެވި އާމިނަތު ޝައުނާ ހަމަޖައްސަވައިފިއެވެ.
މީގެ އިތުރުން ކޮމިއުނިކޭޝަން މިނިސްޓްރީ ވަނީ އުވާލާފައެވެ.
މިއަދު ރައީސް އޮފީހުގައި ޞެއްވި ރަސްމިއްޔާތެއްގައި މި 2 ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބަރާހިމް މުހައްމަދު ސޯލިހެވެ.
މިއަދު 2 ވަޒީރުން އައްޔަން ކުރެއްވި އިރު، ޑރ. ހުސެން އަކީ، އެންވާރަމަންޓް މިނިސްޓްރީގެ ވަޒީރަކަށް ހުންނެވުމުގެ ކުރިން ފިޝަރީޒުގައި ހުންނެވި ބޭފުޅެކެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކޯލިޝަން ސަރުކާރުގެ ތެރެއިން މިއަދާ ހަމައަށް އެންވާރަމަންޓް މިނިސްޓަރަކަށް ހުންނެނެވީ ހުސެންއެވެ.
މިއަދު ރައީސް ވަނީ މަގާމުން ވަކި ކުރި، މުހައްމަދު މަލީހު ޖަމާލު ހުންނެވި ކޮމިއުނިކޭޝަން މިނިސްޓްރީ އުވާލައްވައި، އެމިނިސްޓްރީގެ މެންޑޭޓް ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ދަށަށް ބަދަލު ކުރައްވާފައެވެ.
މިއަދު ތިމާވެއްތާ ބެހޭ ވަޒީރަކަށް އައްޔަން ކުރެއްވި ޝައުނާގެ މަސައްކަތުގެ ދަށަށް ކޮމިއުނިކޭޝަންގެ މަސައްކަތްތައް ބަދަލު ކުރެއްވި އިރު، އެ މިނިސްޓްރީގެ މިހާރުގެ ނަމަކީ މިނިސްޓްރީ އޮފް އެންވަޔަރްމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއެވެ.
ތިމާވެށީގެ ވަޒީރުކަމަށް އައްޔަން ކުރައްވާފައި ވާ ޝައުނާ އަކީ ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ އެ ޕާޓީގެ އިސްސަފުގައި ހަރަކާތްތެރިވާ ބޭފުޅެކެވެ. އަދި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައިވެސް ރައީސްގެ އެއިޑެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން ޕޮލިސީ ސެކްރެޓަރީކަން ކުރައްވާފައި ވެއެވެ. އޭގެ ކުރިން މިނިވަން ނޫހުގެ ނޫސްވެރިއަކަށް އުޅުއްވުމާއި ޝައުނާއެންރޮބާޓްސް ކިޔާ ކުންފުންޏެއް ހައްދަވައިގެން އެތާނގެ މެނޭޖިން ޕާޓިނަރުކަން ކުރައްވާފައި ވެއެވެ. ޝައުނާއަކީ ޕޮލިޓިކަލް ސައިންސްސާއި އެންވާރަމަންޓަލް ސައިންސް އެންޑް އިކޮނޮމިކްސްގެ ދާއިރާއިން ބެޗެލާސް ޑިގްރީ ނަންގަވާފައިވާ ބޭފުޅެކެވެ.
މިއަދު 2 ވަޒީރުން އައްޔަން ކުރެއްވި އިރު، އިއްޔެއާ ޖެހެންދެން ފިޝަރީޒު މިނިސްޓަރަކަށް ހުންނެވީ، ރައީސް މައުމޫންގެ އެމްއާރުއެމް ސްލޮޓުގައި ހުންނެވި ޒަހާ ވަހީދެވެ. އެ މަގާމުން އޭނާ ވަކިކުރެއްވުމަށް ފަހު ބަދަލު ކުރެއްވީ ރައީސް އޮފީހަށެވެ.
ސަރުކާރުގެ ހިންގުމަށް ބަދަލުތަކެއް ގެނެސްފައި މިވަނީ މިދިޔަ އޭޕްރީލް 10 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުން މާލެއިން އެމްޑީޕީއަށް ބޮޑު ނާކާމިޔާބީއެއް ލިބުމުން ސަރުކާރުގެ ކަންކަން ބަލައި ރަނގަޅު ކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވުމަށް ފަހުއެވެ.
ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދިޔަ ނޭޝަނަލް ޑްރަގް އޭޖެންސީ ވެސް މިއަދުން ފެށިގެން ހިންގަމުން ގެންދާނީ ހެލްތު މިނިސްޓްރީގެ ދަށުން ކަމަށްވެސް ވަނީ ނިންމާފައެވެ.