ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ފަރުވާ ހޯދަމުންދާ ޕޭޝަންޓުންނަށް އޮކްސިޖަން ނުލިބިގެން މަރުވުމަކީ، ޖިނާއީ ކުށުގެ އަމަލެއް ކަމަށާ، އެއީ ގަތުލުއާންމަކަށް ވުރެ ކުޑަ ޖަރީމާއެއް ނޫން ކަމަށް، އިންޑިއާގެ ކޯޓަކުން ބުނެފިއެވެ.

މިކަން މިގޮތަށް ބަޔާން ކޮށްފައި ވަނީ، އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓް ކަމަށްވާ، އުއްތަރަ ޕްރަދޭޝްގެ މައްޗަށް ޝަރުއީ ބާރު ހިންގާ، އައްލާއާބާދުގެ ހައިކޯޓް ވެބްސައިޓްގައި އާންމު ކޮށްފައިވާ ގަޒިއްޔާއެއްގައެވެ.

އޮކްސިޖަން ފޯރުކޮށްދޭން ޖެހޭ ފަރާތުން އެކަން އެ ގޮތަށް ނުކުރުމުގެ ސަބަބުން ޕޭޝަންޓުން މަރުވުމަކީ، ޖިނާއީ ކުށުގެ އަމަލެއް ކަމަށާ، އެއީ ގަތުލުއާންމަކަށް ވުރެ ކުޑަ ޖަރީމާއެއް ނޫން ކަމަށް ކަނޑައަޅާފައި ވަނީ އެ ކޯޓުގެ 2 ފަނޑިޔާރުންގެ ބެންޗުން ބެލި މައްސަލައެއްގައެވެ.

އުއްތަރަ ޕްރަދޭޝްގެ އެންމެ މަތީ ކޯޓުން ވަނީ، ބައެއް ފަރާތްތަކުން އޮކްސިޖަން ސިލިންޑަރުތައް ހިފަހައްޓާ، ފަގީރުންލައްވާ އޮކްސިޖަން ސިލިންޑަރަށް ސަލާން ޖަހުވާ، ފަގީރުންނަށް ފުރައްސާރަ ކުރާ މަންޒަރު ފެންނަ ވީޑީއޯ ހެކި ލިބިފައި ވާ ކަމަށް ބުނެފައެވެ. މި މަންޒަރުތަކަކީ، އެކަށީގެންވާ މިންވަރަށް އޮކްސިޖަން ސަޕްލައި އެބަހުރި ކަމަށް ސްޓޭޓް ސަރުކާރުން ކުރަމުންދާ ދައުވާއާ ދިމާ އިދިކޮޅު ކަންތައްތަކެއް ފެނިގެންދާ ވީޑިއޯތަކެއް ކަމަށްވެސް ކޯޓުން ބުނެއެވެ.

އައްލާއާބާދު ހައިކޯޓުގެ ގަޒިއްޔާއަށް، ސްޓޭޓް ސަރުކާރުން އަދި ރަސްމީކޮށް ޖަވާބުދާރީވެފައެއް ނުވެއެވެ.