އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހުގެ މުއްދަތަށް އިތުރު ކޮށްފިއެވެ.
ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވާ ނެރުއްވާފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެމެހެއްޓުމަށް އިއުލާނު ކުރާ ގަރާރުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ފުޅާދާއިރާއެއްގައި ކޮވިޑް ފެތުރުމުގެ ފުރުސަތު އަދިވެސް އޮތުމުން އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ލަފާދީފައިވާތީ ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ވަނީ ނިންމާފައެވެ.
އަދި ވަގުތާއި ހާލަތަށް ރިޔާއަތްކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ގާނޫނު ނަންބަރު 7/2012 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން މި ހާލަތުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ވަނީ އަންގާފައެވެ.
މިއީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާއެކު ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރި 15 ވަނަ ފަހަރެވެ. ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފައި ވަނީ ކޮވިޑް-19 ގެ ނުރައްކާ އަދިވެސް އޮތުމުންނެވެ.
މިދިޔަ ހަފްތާއިން ފެށިގެން ކޮވިޑްގެ ކޭސްތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެވެސް ޖުމުލަ 585 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. ކޮވިޑް ކެސްތައް އިތުރުވަމުންދިޔުމާއި ގުޅިގެން އެޗްޕީއޭ އިން ވަނީ އަނެއްކާވެސް ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން ދަންވަރު 12 އިން ފަތިހު 04 އަކަށް ވެހިކަލް ދުއްވުން މަނާ ކުރުމާއި ސަރުކާރު އޮފީސްތަކާއި ސްކޫލުތައް ކުރިޔަށް އޮތް ދިހަދުވަހަށް ވަނީ ބަންދުކޮށްފައެވެ. އަދިހަމައެހެންމެ 2 ޑޯޒް ވެކްސިން ފުރިހަމަކުރުމަށްފަހު ކަރަންޓީނާއި ނުލާ ރަށްރަށަށް ދިޔުމަށް ހުއްދަދިނުމަށްވެސް ވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ. މީގެއިތުރުން އެއްރަށުން އަނެއްރަށަށް ދަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ. ފާއިތުވި ހަފްތާ ވެގެން ގޮސްފައިވަނީ ރާއްޖޭގެ ގިނަ ރަށްރަށުންވެސް ކޮވިޑް ގެ ބަލި ފެނުނު ހަފްތާއަކަށެވެ.