މުޅިން އާ ވިޔަފާރިއާ އިންވެސްޓްމަންޓްތަކާ ބެހޭ 1.4 ބިލިއަން ޑޮލަރުގެ އެއްބަސްވުންތަކެއްގައި އިންޑިއާއެކު ސޮއިކޮށްފައި ވާ ކަމަށް، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އާންމު ކުރެއްވި ޕްރެސް ރިލީޒްއެއް ބުނެފިއެވެ.

އެ ޕްރެސް ރިލީޒް ބުނާ ގޮތުގައި، މި އެއްބަސްވުމާއެކު އިނގިރޭސިވިލާތުގައި 6500 އިތުރު ވަޒީފާ ހުޅުވިގެންދާނެއެވެ.

އަދި ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ ފުޅާ ދާއިރާއެއްގައި ވެކްސިން އުފައްދަމުން އަންނަ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި) އިން އިނގިރޭސވިލާތުގައި، ގާތްގަނޑަކަށް 334 މިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި އިންވެސްޓްމަންޓަކީ ވެކްސިންތަކުގެ ކުލިނިކަލް ޓްރަޔަލް ހިންގުމާ، ދިރާސާތައް ކުރުމާ، ވެކްސިން ތަރައްގީ ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިއުމަށް ފުރުސަތު ފަހި ކުރަނިވި އިންވެސްޓްމަންޓަކަށް ވާނެ ކަމަށް ހަބަރު ލިބެއެވެ.

ބަދަހި ގުޅުމެއް ދަމަހައްޓަމުން އަންނަ އިނގިރޭސިވިލާތާ ގުޅުން އިތުރަށް ވަރުގަދަ ވެގެން ދަނީ، ދޭދޭ އިގުތިސޯދީ ގުޅުންތަކުގެ ސަބަބުން ކަމަށް ޖޯންސަން ވަނީ ވިދާޅުވެފައެވެ. އަދި އަލަށް އުފެދޭ 6500 ވަޒީފާއަކީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް އާއިލާތަކަކަށް އެހީއަކަށް ވާނެ ވަޒީފާތަކެއް ކަމަށްވެސް އިނގިރޭސި ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.