މިހާރު ކުރިއަށްދާ އޭ ލެވެލް އިމްތިހާނު އިތުރު ޕޭޕަރުތަކެއް ލީކު ވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާތަކަށް ފަސް ވަރަކަށް ޕޭޕަރު ވަނީ ލީކު ވެފައެވެ. އޭގެ ތެރޭގައި ބަޔޮލޮޖީ ޔުނިޓް ފަހެއްގެ ޕޭޕަރާއި ކެމިސްޓްރީ ޕޭޕަރުތަކެއްގެ އިތުރުން ފިޒިކްސް ޕޭޕަރު ވެސް ހިމެނެއެވެ.
އިތުރު ޕޭޕަރުތަކެއް ލީކްވެފައި ވާއިރު، އިއްޔެއިން ފެށިގެން އެފަދަ އެއްވެސް މައްސަލައެއް ކުރިމަތި ނުވާނެކަމުގެ ޔަގީންކަން އެޑެކްސެލްއިން ދީފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
ނަމަވެސް/[ ރާއްޖޭގައި މިއަދު މެންދުރު 1:30ގައި ބާއްވަން ހަމަޖެހިފައިވާ ކެމިސްޓްރީ ޔުނިޓް ދޭއްގެ ޕޭޕަރު މިހާރު ލީކްވެފައިވާއިރު މި ޕޭޕަރު އެކި ޕްލެޓްފޯމްތަކުގައި މިހާރު ދަނީ ދައުރުވަމުންނެވެ.
'މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ އިމްތިހާނުގެ ސުވާލު ކަރުދާސްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ސުވާލު ކަރުދާސްތަކުގެ ރައްކާތެރިކަމަށްޓަކައި އެޅިފައި ހުރި ފިޔަވަޅުތައް ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް ރާއްޖޭގެ ސުކޫލުތަކުގައި ކުރިއަށްދާ ކަމަށާއި އޭލެވެލްގެ ސުވާލު ކަރުދާހެއް ރާއްޖޭހެ އެއްވެސް ސެންޓަރަކުން ލީކުވެފައި ނުވާ ކަމަށެވެ.
ނަމަވެސް އެ މާއްދާ ތަކުގެ އިމްތިހާނު ރާއްޖޭގައި ބާއްވާ ގަޑިއާއި އެހެން ގައުމުތަކުގަ ބާއްވާ ގަޑިއާ ތަފާތު ވުމުގެ ސަބަބުން ލީކްވި ޕޭޕަރުތައް ގިނަ ދަރިވަރުންނަށް ފެނިފައިވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
ޕޭޕަރުތަކެއް ލީކްވެފައިވާތީ އޭ ލެވެލް އިމްތިހާނު ކެންސަލްކުރުމަށް ގޮވާލައި ވެލާނާގޭ ދޮށުގައި ބެލެނިވެރިންތަކެއް މިއަދު ވަނީ މުޒާހަރާވެސް ކޮށްފައެވެ.