ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ޖަހާ ވެކްސިން ފޯރުކޮށްދިނުމަށް ދިވެހިރާއްޖޭގައި ކުރިއަށް ގެންދާ ވެކްސިން ކެމްޕޭނަކީ، ވަކި މީހަކު ތަފާތު ކުރުމެއް ނެތި އިންސާފުން ވެކްސިން ފޯރުކޮށްދިނުމުގެ ރީތި މިސާލު، އަމަލީ ފެނިގެންދާ ކެމްޕޭނެއް ކަމަށް، ދިވެހިރާއްޖޭގައި ހުންނަވާ އދގެ އެންމެ އިސް އޮފިޝަލު، ރެސިޑެންޓް ކޯޑިނޭޓާ ކެތަރީން ހޭޒްވެލް ވިދާޅުވެއްޖެއެވެ.
އދގެ އޮންލައިން ޕްލެޓްފޯމަށް ލިޔުއްވި ބްލޮގެއްގައި ހޭޒްވެލް ވަނީ ރާއްޖެއިން ފުރަތަމަ ކޭސް ފެނުމާއެކު ދިވެހި ސަރުކާރުން އަޅަމުން ދިޔަ ފިޔަވަޅުތަކާ، ރައްޔިތުންގެ ފަރާތުން ލިބެމުން ދިޔަ އެއްބާރުލުން ފާހަގަ ކުރައްވާ، އެކަމަށް ތައުރީފު ކުރައްވާފައެވެ.
އަދި ކޮވިޑް-19 އިން ދިފާއުވުމަށް ގައުމީ ފެންވަރުގައި ވެކްސިން ކެމްޕޭން ފަށާފައި ވާއިރު، އަލިކަމުގެ ތެރެއަށް ވަރަށް އަވަހަށް ނިކުމެވިދާނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށްވެސް ހޭޒްވެލް ވަނީ ވިދާޅުވެފައެވެ.
އެގޮތުން، "ކޮވިޑް ދިފާއު"ގެ ނަމުގައި ވެކްސިން ކެމްޕޭން ފަށާ، ވަކި ގައުމިއްޔަތެއް ނުވަތަ ގާނޫނީ ހައިސިއްޔަތެއް ބެލުމެއް ނެތި، ވެކްސިން ކެމްޕޭން ހިންގާކަން، އދގެ މަންދޫބު ވަނީ، ތައުރީފުގެ ނަޒަރަކުން ފާހަގަ ކުރައްވާފައެވެ. މިއީ ރައްކާގެ މަގަށް ދަތުރު ކުރަމުން ދާއިރު އެއްވެސް މީހަކު ބާކީ ނުކުރުމުގެ ރީތި މިސާލެއް ކަމަށް ހޭޒްވެލް ވަނީ ސިފަކުރައްވާފައެވެ.
އެންމެނަށް ވެކްސިން ޖަހައިގެން ނޫނީ ކޮވިޑް-19 އިން ސަލާމަތްވެވެން ނެތް އިރު، ޣައިރު ގާނޫނީ ގޮތެއްގައި ރާއްޖޭގައި ދިރިއުޅެމުން އަންނަ ހިޖުރަވެރިންނަށްވެސް ވެކްސިން ދިނުމަށް ސަރުކާރުން ހިންގާ މަޝްރޫއަކީ، ރަނގަޅު މިސާލެއް ކަމަށް ހޭޒްވެލް ވަނީ ވިދާޅުވެފައެވެ.
އާބާދީއިން ވެކްސިނަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަށ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާ، ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، މިއީ ރޯދަ މަސް ކަމުން، ވެކްސިން ދިނުމުގެ ދުވެއްޔަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިސްފައި ވާ ކަން އދގެ މަންދޫބު ވަނީ ފާހަގަ ކުރައްވާފައެވެ.
ކޮވިޑް-19އާއެކު ރާއްޖެއަށް ކުރިމަތިވި ހާއްސަ ހާލަތުގައި އދއިން ދަނީ ރާއްޖެއަށް އެއްބާރުލުމާ އެހީތެރިކަން ފޯރުކޮށްދެމުން ކަންވެސް ރެސިޑެންޓް ކޯޑިނޭޓަރުގެ ބްލޮގްގައި ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން ވެކްސިން މަޝްރޫއަށްވެސް އދގެ ފަންނީ އަދި މާއްދީ އެހީ ފޯރުކޮށްދެމުން ދާކަމަށް ހޭޒްވެލް ވަނީ ވިދާޅުވެފައެވެ.
ކުރިއަށް އޮތް ތަނުގައި ވާނެ ގޮތެއް އެއްވެސް މީހަކަށް ނޭނގުނު ކަމުގައި ވީ ނަމަވެސް، ސިއްހީ ހިދުމަތްތެރިންނާ ފްރަންޓްލައިންގެ ހިދުމަތްތެރިން ވަމުންދާ ގުރުބާނީ ފެނި، ރޫހު އާލާ ކުރުވާ ކަމަށްވެސް ދިވެހި ރާއްޖޭގައި ހުންނަވާ އދގެ ރެސިޑެންޓް ކޯޑިނޭޓަރު ހޭޒްވެލް ވަނީ ވިދާޅުވެފައެވެ.