މަސައްކަތު މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ނުބަލާތީ އަޑުއުފުލަން ރަސްފަންނު ސަރަހައްދަށް ރޭ އެއްވި ބަޔަކާ ދެކޮޅަށް ހާލަތާ ނުބައްދަލު ބާރާ އެކު އަނިޔާވެރިކޮށް ފުލުހުން މުޒާހަރާ ރޫޅާލި މައްސަލައާ ގުޅިގެން ކުރީގެ ޖެންޑާ މިނިސްޓަރު އަދި މިހާރު ގައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއާޕާސަން އަނީސާ އަހްމަދު ފުލުހުންގެ މުއައްސަސާއަށް ފާޑުވިދާޅުވެއްޖެއެވެ.
އަނިސާ ވިދާޅުވީ، 2008 ވަނަ އަހަރަށް ފަހު ވެރިކަމަށް އައި ސަރުކާރުތައް އައީ ފުލުހުން ކުރާ ލާއިންސާނީ އަނިޔާތައް ހުއްޓުވުމުގެ ވައުދާއެކުގައި ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އައި އިރުވެސް އެކަމަށް ބަދަލެއް އައިސްފައި ނުވާ ކަަމަށް އޭނާ ވިދާޅުވިއެވެ.
މިހާރުވެސް ހާލަތާ އެކަށީގެން ނުވާ ގަދަ ބާރު ބޭނުން ކުރަމުންދާ ތަން ފެނިވަޑައިގަންނަވާ ކަމަށާއި އެއްވުން ރޫޅާލުމުގައި ފުލުހުން އަދިވެސް އާންމު ރައްޔިތުންނާ ދެކޮޅަށް ހުތުރު ބަހުން މުއާމަލާތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ އެކަން ފަރުމާވެފައިވާ ގޮތްތޯ ނޫނީ މިއީ އަދުގެ މުޖުތަމައުން ގެއްލެމުންދާ ރިވެތި ހުލްގު ގެއްލިދިއުމުގެ އަސަރު، އެ މުއައްސަސާގައި ވެސް އޮތްކަން އަންގައިދޭ ކަމެއް ތޯ އައްސަވާ އަނީސާ ވަނީ ސުވާލު ކުރައްވާފައެވެ.
ބައިންލަ އަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ރޭ، ރަސްފަނުގައި ވަނީ ސުލްހަވެރިކަމާއެކު ބަޔަކު މުޒާހަރާ ކޮށްފައެވެ. އެ މުޒާހަރާ ކުރި މީހުން ވަނީ މަސައްކަތްތެރިންގެ ހައްގުތަކާ މެދުގައި އާއި މަސައްކަތުގެ މާހައުލުގައި ކުރާ ޖިންސީ ފުރައްސާރައާ ދެކޮޅަށް އަޑު އުފުލާފައެވެ. ރޭގެ މުޒާހަރާގެ ބައިވެރިންގެ އިތުރުން، މުޒާހަރާ ކަވަރު ކުރުމުގައި އުޅުނު ނޫސްވެރިންނަށް ހުރަސް އަޅައި ބައެއް ނޫސްވެރިންނާ ދިމާލަށް ވެސް ފުލުހުން ވަނީ ހަޑިހުތުރު ބަހުން މުއާމަލާތު ކޮށްފައެވެ. އަދި އެ މައްސަލަ ނޫސްވެރިންގެ ޖަމިއްޔާ އާއި މީޑިއާ ކައުންސިލުން ވަނީ ކުށްވެރި ކޮށްފައެވެ.
ރޭގެ މައްސަލަ ބޮޑުވެފައި ވާއިރު، ރޭ ފުލުހުން އަމަލުކުރި ގޮތުގެ ހާއްސަ ތަހުގީގެއް ކުރަމުން ގެންދަވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލަ ބަލައި ދިނުމަށް މަޖިޅީހަށް ވެސް ވަނީ މައްސަލައެއް ހުށަހަޅާފައެވެ.