މިއަހަރުގެ ރަަމަޟާން މަަހުގެ ފުރަތަމަ 15 އާ ހަމައަށް ވައްކަމުގެ 368 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި ދެ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ފުލުހުންނަށް ޖުމްލަ 2648 މައްސަލައެއް ހުށަހަޅާފައިވާއިރު، މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ހުށަހަޅާފައިވަނީ 1352 މައްސަލައެކެވެ.

އެމުއްދަތުގެ ތެރޭގައި ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކަށް ވަކިވަކީން ބަލާއިރު ފާއިތުވި ދެ އަހަރުގެ މި މުއްދަތުގައި ވައްކަމުގެ 646 މައްސަލަ ހުށަހަޅާފައިވެއެވެ. އަދި މިއަހަރުގެ ރަަމަޟާން މަަހުގެ ފުރަތަމަ 15 އާ ހަމައަށް ވައްކަމުގެ 368 މައްސަލައެއް ހުށަހަޅާފަވެއެވެ.

ފުލުހުން ބުނީ ވައްކަމުގެ މައްސަލަތައް މަދުކުރެވޭނީ ކޮންމެ ފަރުދަކުވެސް މަސައްކަތް ކޮށްގެން ކަމަށެވެ. އެގޮތުން ނިދުމުގެ ކުރިން، ގޭގެ ދޮރުތައް ހުރީ ރަނގަޅަށް ތަޅުލެވިފައިތޯ ބަލާ ގޭގައި ގެންގުޅޭ މުހިންމު ތަކެތި، ފޯނު ލެޕްޓޮޕް ނުވަތަ ފައިސާފަދަ ތަކެތި ރައްކާތެރިގޮތަކަށް ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށާއި ސައިކަލާއި ކާރުފަދަ ތަކެތި ވެސް ތަޅުލުމުުގައި މިހާރަށްވުރެ ސަމާލުކަން ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

ވައްކަމުގެ އިތުރުން ރޯދަމަހުގެ ދުވާލުގެ ވަގުތުގައި ކައިގެން ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތައް ވެސް ވަނީ މަދުވެފައެވެ. އެގޮތުން ފާއިތުވި ދެ އަހަރު 29 މައްސަލައެއް ހުށަހަޅާފައިވާއިރު މިއަހަރުގެ މި މުއްދަތުގައި 10 މައްސަލަ ހުށަހަޅާފަވެއެވެ.

މާލެ މަގުމަތި / ފޮޓޯ: ދަ ޕްރެސް

އޭގެ އިތުރުން ފާއިތުވި ދެ އަހަރާއި މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ގައި ހުށަހަޅާފައިވާ ޓްރެފިކް މައްސަލަތައް ވެސް މަދުވެފައެވެ. އެގޮތުން ފާއިތުވި ދެ އަހަރު 197 މައްސަލައެއް ހުށަހަޅާފައިވާއިރު މި އަހަރުގެ މި މުއްދަތުގައި 129 މައްސަލައެއް ހުށަހަޅާފަވެއެވެ.

މާލޭ މަގުމަތި

ފޭރުމުގެ މައްސަލަތަކަށް ބަލާއިރު ފާއިތުވި ދެ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު ފޭރުމުގެ 41 މައްސަލައެއް ހުށަހަޅާފައިވާއިރު މި އަހަރު ހުށަހަޅާފައިވަނީ 20 މައްސަލައެކެވެ. މުދަލަށް ގެއްލުންދިނުމުގެ 53 މައްސަލައެއް މި އަހަރު ހުށަހަޅާފައިވާއިރު ފާއިތުވި ދެ އަހަރު 273 މައްސަލައެއް ހުށަހަޅާފައިވެއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކަށް ބަލާއިރު މި އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު 156 މައްސަލައެއް ހުށަހަޅާފަވެއެވެ. ފާއިތުވި ދެ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު މަސްތުވާތަކެތީގެ 398 މައްސަލަ ހުށަހަޅާފަވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި / ފޮޓޯ: ފުލުހުން

އެހެނިހެން މައްސަލަތަކުގެ ގޮތުގައި ފާއިތުވި ދެ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު 743 މައްސަލައެއް ހުށަހަޅާފައިވާއިރު މި އަހަރު 415 މައްސަލައެއް ހުށަހަޅާފަވެއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހުގައި ކުދިކުދި ވައްކަމުގެ މައްސަލަ އިތުރުވަމުންދާއިރު އެފަދަ މައްސަލަތައް މަދުކުރުމުގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން ކޮންމެ ފަރުދަކުވެސް އެފަދަ ކަންކަމުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއްދީ ފަރުދީ ޒިންމާ އަދާކުރުމަކީ އެފަދަ މައްސަލަތައް މަދުކުރުމަށްޓަކާ އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ބުނެއެވެ.