މަސައްކަތުގެ މާހައުލުން އަންހެނުންނަށް ކުރާ ފުރައްސާރައާ ދެކޮޅަށް މިރޭ މާލޭގައި ކުރިޔަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން މީހަކަށް އަނިޔާވެ އައިޖީއެމްއެޗްގައި ފަރުވާ ދެމުން އެބަދެއެވެ.

މިރޭގެ އިހުތިޖާޖު އިންތިޒާމު ކުރި ރައިސްއަޕްއެމްވީން ބުނެފައި ވަނީ އަނިޔާވި މީހާ މިހާރު ވަނީ އައިޖީއެމްއެޗްގައި ކަމަށެވެ.

މިރޭގެ އިހުތިޖާޖު ހޫނުވެ ފުލުުންނާއި އިހުތިޖާޖުގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންވެސް ވަނީ ހިނގާފައެވެ. އަދި ފުލުހުން ބައެއް މީހުން ހައްޔަރު ކުރުމަށް ބިޑި އެޅުވުމާއި ޕެޕޭ ސްޕްރޭވެސް ބެނުން ކޮށްފައި ވެއެވެ. އަނިޔާވެރިކޮށް އަންހެނަކު ހައްޔަރުކުރަން އަންހެން ފުލުހުންތަކެއް މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯ އެއްވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

ފުލުހުން އެ އަންހެންމީހާ ހައްޔަރުކުރުމުގެ ތެރޭގައި އެ އަންހެންމީހާގެ މޫނަށް ޕެޕާ ސްޕްރޭ ޖަހާ މަންޒަރާއި އެ އަންހެން މީހާ ބިންމައްޗަށް ވެއްޓިފައި އޮންނަ އިރު ފަހަތަށް ބިޑިއަޅުވާ މަންޒަރު ފެނެއެވެ.

މިކަން އެތައް ބަޔަކު ކުށްވެރި ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެއްވުންތައް ކޮންޓްރޯލްކުރަން ހަރަކާތްތެރިވާ ފުލުހުން އަމަލުކުރާ ގޮތާ ގުޅޭގޮތުން ހުށަހަޅާ ޝަކުވާ ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ބަލާ، އުސޫލުތަކާ ހިލާފަށް އެއްވެސްކަމެއް ކޮށްފައިވާނަމަ އަޅަންޖެހޭ ފިޔަވަޅުތަށް އަޅާނެކަމަށެވެ. އަދި މިރޭ ފުލުހުން ބާރުގެ ބޭނުން ކޮށްފައި ވާ ގޮތް ބަލާނެ ކަމަށާއި އެއަށްފަހު އިތުރު ތަފްސީލު ހާމަ ކުރާނެ ކަމަށް ބުނެފައި ވެއެވެ.