ދިވެހި އަންހެނަކު އޭނާގެ 4 ދަރިންނާއެކު ސީރިއާއިން ތުރުކީ ވިލާތަށް ދިޔަ މައްސަލައެއް ފެންމަތިވެ އޭނާ ގެންނަށް ސަރުކާރުން މަސައްކަތް ފަށައިފިއެވެ.

ފުލުހުން ބުނީ، ދުނިޔޭގެ އެކި ގައުމުތަކުގައި ހިނގަމުންދިޔަ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވި ދިވެހި އާއިލާއެއްގެ އަންހެނަކު އޭނާގެ ހަތަރު ދަރިންނާއެކު ސީރިޔާއިން ތުރުކީއަށް ގަވާއިދާ ހިލާފަށް އެތެރެވެ، އެގައުމުގައި އުޅެނިކޮށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެނެސް ދިވެހިސަރުކާރަށް އެކަން އަންގާފައިވާ ކަމަށެވެ. މިކަމާ ގުޅިގެން މި މައްސަލަ ތަހުގީގުކޮށް، އެ އާއިލާއަށް ނިސްބަތްވާ ކުޑަކުދިންގެ ރަށްވެހިކަމާއި ދަތުރުފަތުރާ ގުޅުންހު ރި ލިޔުންތަކާއި އެފަރާތްތައް އަނބުރާ ދިވެހިރާއްޖެއަށް ގެނައުމަށް ހަމަޖައްސަންޖެހޭ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރުމަށް ދިވެހި ފުލުހުންގެ ޓީމެއް މިވަގުތު ދަނީ ތުރުކީގައި، އެގައުމުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަރަކާތްތެރި ވަމުން ކަމަށް ފުލުހުން ބުނެއެވެ.

މިހާތަނަށް މިމައްސަލައިގައި ހޯދިފައިވާ މައުލޫމާތަށް ބަލާއިރު، ތުރުކީގެ އިދާރާތަކުގެ ބެލުމުގެ ދަށުގައި ހުރި އަންހެން މީހާ އަކީ އަފްގާނިސްތާނާއި ސީރިޔާގެ ހަނގުރާމައިގައި އުޅުނު ދިވެހި ދެ ފިރިހެނަކަށް ހަތަރު ދަރިން ލިބިފައިވާ އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ. އޭގެ ތެރެއިން އެންމެ ހަގު ދެކުދިން އުފަންވެފައި ވަނީ އަފްގާނިސްތާނާއި ސީރިޔާގައި ދިރިއުޅުނު އިރު ކަމަށް ބުނެފައިވާތީ، އެ ދެ ކުދިންނަކީ ދިވެހި އަންހެން މީހާގެ ދަރިންކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ދަނީ ކުރަމުން ކަމަށް ފުލުހުން ބުނެއެވެ. އޭގެ އިތުރުން، މި އާއިލާއަށް ހަނގުރާމަވެރި ސަރަހައްދުތަކުގައި ތަފާތު ބިރުވެރި ތަޖުރިބާތައް ކުރެވި ނަފުސާނީ ގޮތުންނާއި ސިއްހީ ގޮތުން ވެސް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ތުރުކީގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ތިބި މި ދިވެހި އާއިލާގެ ރަސްމީ އެއްވެސް ލިޔުމެއް ނެތުމުން، އެފަރާތްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ރަށްވެހިކަން އޮތް ފަރާތްތަކަށް ދަތުރުފަތުރު ކުރުމަށް ބޭނުންވާ ލިޔުންތައް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމށް ފުލުހުން ބުނެއެވެ. ހަމައެއާއެކު ރާއްޖެއިން ބޭރުގައި އުފަންވި ކުދިންގެ ރަށްވެހިކަމާއި ރެޖިސްޓްރޭޝަނާ ގުޅޭ ކަންކަން ހަމަޖެއްސުމަށްޓަކައި ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ގާނޫނީ ހައްލުތަކެއް ހޯދުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

އަދި، މި ފަދަ ފަރާތްތައް އަނބުރާ ދިވެހިރާއްޖެއަށް ގެނެވޭ ހާލަތްތަކުގައި އެފަރާތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ރިހިބިލިޓޭޓްކޮށް އަނބުރާ މުޖުތަމައަށް ގެންނައުމަށް ހަމަޖައްސަން ޖެހޭ އިންތިޒާމްތައް މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ހިންގާ ނޭޝަނަލް ރިއިންޓެގްރޭޝަން ސެންޓަރާ ގުޅިގެން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ފަދަ ފަރާތްތައް އަނބުރާ ދިވެހިރާއްޖެއަށް ގެނެސް، އެމީހުންގެ މައްސަލަ ބަލައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅާނީ ދިވެހި ފުލުހުންގެ ހިދުމަތުން ކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.