ބައިނަލްއަގްވާމީ ގޮތުން ފާހަގަ ކުރާ މަސައްކަތްތެރިންގެ ދުވަހާ ގުޅުވާފައި މާދަމާ މިފްކޯއިން މަސް ނުކިރުމަކީ މައްސަލައެއް ކަމުގައި ނުދެކޭ ކަމަށާއި ނަމަވެސް އެންމެ ދުވަހެއްވެސް މަސް ނުކިރި ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ދިވެހި މަސްވެރިންގެ ޖަމިއްޔާ އިން ބުނެފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ ޖަމިއްޔާގެ ރައީސް އަހްމަދު ޝާފިއު ވިދާޅުވީ، މާދަމާ މިފްކޯއިން މަސް ނުކިރާނެ ބުނުމަކީ މައްސަލައެއް ނޫން ކަމަށާއި އެ ކުންފުނީގެ މުވައްޒަފުންނަށް ވެސް ޗުއްޓީއެއް ދިނުމަކީ މައްސަލައެއް ކަމުގައި ދެކިވަޑައި ނުގަންނަވާ ކަމަށެވެ. އޭނާ މިހެން ވިދާޅުވީ މާދަމާ މިފްކޯގެ ސެންޓަރުތަކަށާއި މަސްކިރާ ބޯޓު ފަހަރަށް މަސް ނުގަންނާނެ ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.
މަސްވެރިކަމަކީ ދެމިގެން ދާނެ ކަމަކަށް ނުވާތީ މަސްވެރިކަން ރަނގަޅު ދުވަސްވަރަކީ މަސްވެރިންނަށް ގިނައިން މަސް ބާނައިގެން ރަނގަޅު އާމްދަނީއެއް ލިުބެން އޮތް ދިވަސްވަރެއް ކަމަށް ޝާފިއު ވިދާޅުވިއެވެ. އެހެންކަމުން އެންމެ ދުވަހެއްވެސް މަސްވެރިންނަށް މަސް ނުކިރުމަކީ ކަންބޮޑުވާ ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ.
މިފްކޯއިން މިވަގުތު މަސް ކިރުމުގައި ލިމިޓެއް ގެނެސްފައިވާކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، މަސްވެރިންކަން ރަނގަޅުވެފައިވާ މި ދުވަސްވަރު އެގޮތަށް މިފްކޯއިން ނިންމީ އެވަރުގެ ސްޓޯރޭޖެއް ނެތުމުން ކަމަށެވެ. ކުރިން މަސް ކިރަން ގޮސް ކިއުގައި ގިނަ ވަގުތު ދޯނި ފަހަރު މަޑުކޮށްގެން ތިބެން ޖެހެނީ 20 ނުވަތަ 25 ޓަނުގެ މަސް ކޮންމެ ދޯންނަކުން ކިރަން ދާތީ ކަމަށް ޝާފިއު ވިދާޅުވިއެވެ. ނަމަވެސް މިހާރު 4 ޓަނުގެ މަސް ކިރާ ގޮތަށް މިފްކޯއިން ހަމަޖެއްސި ފަހުން މަސްކިރަން ދާ ދޯނި ފަހަރު ކިއުގައި ގިނަވަގުތު މަޑު ކުރަން ނުޖެހި އަވަހަށް މަސް ކިރައިގެން ރަށަށް އަނބުރާ ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ވޭތުވެދިޔަ 15 އަހަރުވެސް މަސްވެރިން ކުރަމުން އައި ޝަކުވާ އަދިވެސް ކުރަމުން އަންނަ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެ ގޮތުން މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސް ކިރުމުގައި ދަތިތައް ދިމާވުމުން މަސް ބޭނެން ނެތް ކަމަށާއި ބާނައިފިއްޔާ ކިރެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ކޮންމެ ސަރުކާރަކުން ވެސް މަސްވެރިންނަށް ލުއި ގޮތްތައް ފަހިކޮށް ދޭނެ ކަމަށް ބުނެފައި ވާކަމަށާއި މި ސަރުކާރުން ގިނަ ޕްރޮޖެކްޓް ތަކެއް ހިންގަން ނިންމާފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އެހެން ކަމުން މަސްވެރިންނަށް މި ދިމާވާ ދަތިތަނުން ކުރިއަށް އޮތް 2 ނުވަތަ 3 އަހަރެއްގެ ތެރޭގައި އަރައިގަނެވޭނެ ކަމަށާއި އެއީ ވަރަށް ބޮޑު އުންމީދެއް ކަމަށް ޝާފިއު ވިދާޅުވިއެވެ. މަސްވެރިންނަށް ލުއި ގޮތްތައް ހޯދައިދެވެން އޮތީ އުމްރާނީ ގޮތުން ބޮޑު ހޭދައެއް ކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ގޮތުން މަސް ކިރާ ފެކްޓރީތައް އިތުރު ކުރުމާއި ސްޓޯރޭޖް ކެޕޭސިޓީ ބޮޑު ކުރުމާއި އައިސް ޕްލާންޓް އިތުރުު ކުރުން ފަދަ ކަންކަމަށް އޭނާ އަލިއަޅުއްވާ ލެއްވިއެވެ.
މީގެ އިތުރުން ބޮޑު ކަންނެލީގެ މަސްވެރިންގެ ޖަމިއްޔާ އިން ވެސް ވަނީ އެ ފަރާތްތަކަށް މަސް ކިރުމުގައި މި ދުވަސްވަރު އެއްވެސް ދަތިތަކެއް ނެތް ކަމަށް ބުނެފައެވެ. ނަމަވެސް ދޮށީގެ މަސްވެރިންނަށް ދިމާވާ ނުތަނަވަސް ކަމަކީ ވެސް ކަންނެލީގެ މަސްވެރިންގެ ވެސް ކަންބޮޑުވުމެއްގެ ގޮތުގައި އެ ޖަމިއްޔާއިން ސިފަކުރެއެވެ.
ދާދި ފަހުން މިފްކޯއިން ވަނީ މަސް ކިރުމުގައި ލިމިޓެއް ކަނޑައަޅާފައެވެ. އެ ގޮތުން މަސްވެރިކަން ރަނގަޅުވެ މަސްކިރަން އަންނަ މިންވަރު އިތުރުވެ، މިފްކޯގެ ފްރީޒިން ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ލިބެމުން ދާތީ މިފްކޯއިން ވަނީ ދޯންޏަކުން ގިނަވެގެން 4 ޓަނުގެ މަސް ކިރާ ގޮތަށް ނިންމާފައެވެ.