މިސްކިތްތަކުގައި އަޑުހަރުކޮށް ބިސްމި ނުކިޔާތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

މައުމޫން ވިދާޅުވީ، ސަހާބީންނާއި ތާބިއީންނާއި އޭގެފަހުގެ ގިނަ ފިގުހު އިލްމުވެރިންނާއި ގާރީންގެ ބަސްފުޅަކީ ނަމާދުގައި އަޑުހަރުކޮށް ބިސްމި ކިޔުން ކަމުގައި އިމާމް ނަވަވީ ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ މިސްކިތްތަކުގައި އަޑުހަރުކޮށް ބިސްމި ނުކިޔަނީ ކީއްވެތޯ އައްސަވާ އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ.

މައުމޫން މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވާފައިވާ އިރު މި ކަން މިހެން ދިމާވާތީ އާންމުން ވެސް އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެ ގޮތުން ބައެއް ރަށްރަށުންގައި ބިސްމި އަޑުހަރުކޮށް ނުކިޔާ މައްސަލައިގައި އެފަދަ އިމާމުންގެ ފަހަތުގައި ޖަމާއަތުގައި ނަމާދު ކުރަން ބޭނުންނުވާ އެތައް ބަޔަކު އުޅޭ ކަމަށް މައުލޫމާތު ލިބެއެވެ.

ސޫރަތުލް ފާތިހާގެ ފޮޓޯއެއް

މި ރޯދަ މަހުވެސް މާލޭގެ ބައެއް މިސްކިތްތަކުގައި ނަމާދު ކުރާއިރު އަޑުހަރުކޮށް ބިސްމި ނުކިޔާ ކަން ވަނީ ފާހަގަވެފައެވެ. ހާއްސަ ކޮށް ފާތިހާ ސޫރަތް ކިޔާއިރު ވެސް އަޑުހަރުކޮށް ބިސްމި ނުކިޔާކަން ފާހަގަވެފައި އެބަ ހުއްޓެވެ.

ސޫރަތުލް ފާތީހާގައި ޖުމްލަ 7 އާޔަތް އޮންނަ އިރު ފުރަތަމަ އާޔަތަކީ "ބިސްމި" އެވެ. އެއަށް ފަހު 6 އާޔަތާއެކު ފާތީހާ ސޫރަތުގައި 7 އާޔަތް އޮންނަ ކަން ސަފުކޮށް އެނގެން އޮވެއެވެ.