ހިނގަމުން މިދާ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ހާއްސަ އަޅުކަން އެދިގެން އަންނަ މެހެމާނުން ބަލައިގަތުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް، މާތްވެގެންވާ މަސްޖިދު އަލް-ނަބަވީގައި ފުރިހަމަކޮށް ނިމިފައި ވާ ކަމަށް، އެ މިސްކިތުގެ ބެލެހެއްޓުންތެރި އިދާރާއިން ހާމަކޮށްފިއެވެ.

ރޯދަމަހުގެ ފަހު ދިހައަކީ، އެމީހެއްގެ ހާލަތާއި ސިއްހަތު ތަންދިން އެންމެ މަތީ ދަރަޖައަކަށް އަޅުކަމުގައި ހޭދަ ކުރަން ކުރަން ޖެހޭ ދުވަސްވަރެކެވެ. އަދި ލައިލަތުލްޤަދުރި ވިލޭރޭގެ ބަރަކާތް ހާސިލު ކުރުމަށް އެންމެންވެސް ގަދައަޅައި މަސައްކަތް ކުރަން ޖެހޭ ދުވަސްވަރެކެވެ.

ފަހު ދިހައަކީ މިސްކިތްތަކަށް އެންމެ ބާރުބޮޑުވާ ދުވަސްވަރު ކަމަށް ވާއިރު، ވީހާވެސް ހަމަޖެހިލައިގެން އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން، ހުރިހާ ވަގުތެއްގައިވެސް މަސްޖިދު އަލް-ނަބަވީ ސާފު ތާހިރުކޮށް ބޭއްވުމަށް، ކުރެވެން ހުރި މަސައްކަތެއް ކުރާނެ ކަމަށް، ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

މި ދަނޑިވަޅަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި ސައުދީ އަރަބިއްޔާވެސް ހިމެނޭހެން މުޅި ދުނިޔެ ޖެހިފައިވާ ދަނޑިވަޅަކަށް ވާއިރު، ބަލިމަޑުކަން ކޮންޓްރޯލްކޮށް، ބަލި ޖެހުމުން ސަލާމަތްވުމަށް، ސައުދީއިން ދަނީ މިސްކިތްތަކުގައިވެސް ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތައް ތަންފީޒު ކުރަމުންނެވެ.

ފަހު ދިހައިގައި އިއުތިކާފަށް އިނުމާއި، ރޭއަޅުކަން ކުރުމުގެ މުހިއްމު ކަމަކަށް ވާއިރު، ރާއްޖޭގައިވެސް ވަނީ މިކަމަށް ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައެވެ.