މާލޭގައި 1700 އަކަފޫޓު ހުންނަ ގޭގެގެއަށް 1709 ކާރު ރަޖިސްޓާ ކޮށްފަވާ ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ނަޝީދު ވިދާޅުވީ އެފަދަ ބިލެއް ހުށަހެޅުމުގެ މައިގަނޑު ސަބަބަކީ މާލޭގެ ބައެއް ބިންވެރިން އަމަލު ކުރަމުން ގޮސްފައިވާ ގޮތެވެ.
އެގޮތުން އޭނާ ވިދާޅުވީ އެފަދަ މީހުންގެ ސަބަބުން ސަރުކާރަށް ފައިދާއެއް ނުވިތާ ރައްޔިތަކަށް ވެސް ފައިދާ ވެފައި ނުވާ ކަމަށެވެ.
ގަރާޖު ސިޓީއާ ނުލާ ވެހިކަލްތައް ރަޖިސްޓްރީ ކުރެވޭގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ފާސްކޮށްފައި ވަނީ މި މަހުގެ 25 ވަނަ ދުވަހެވެ.
ގާނޫނު އޮންނަ ގޮތުން އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމަށް ހުށަހަޅާނަމަ، އެއުޅަނދެއް ބާއްވާނެ ގަރާޖެއްގެ ލިޔުން ހުށަހަޅަންޖެހެއެވެ. އަދި އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ބާރުދީފައި އޮންނަނީ ޓްރާންސްޕޯޓް އޮތޯރިޓީއަށެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ކޮމިޓީން ގެނެސްފައިވާ އިސްލާހުގައި ވަނީ، އެއްގަމު އުޅަނދުފަހަރު ރަޖިސްޓްރީކުރުމުގައި އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި ނުވަތަ އަމިއްލަ ފަރާތެއްގެ އެނޫޏްވެސް ތަނެއްގައި ނުވަތަ ބިމެއްގައި އެ އުޅަނދު ބޭއްވުން ލާޒިމުވެގެން ނުވާ ކަމަށެވެ. އަދި އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު، ގަރާޖެއްގައި އެ އުޅަނޑު ބާއްވާނެކަމުގެ ލިޔުން ހުށަހެޅުން ވެސް ލާޒިމު ނޫންކަމަށް އިސްލާހުގައިވެއެވެ.
އެ އިސްލާހު ގެނައި ސަބަބެއް ކަމަށް ބުނެފާވަނީ ގަރާޖުގައި ވެހިކަލް ބާއްވާނެ ކަމުގެ ލިޔުމެއް ހުށަހަޅަން ޖެހޭ ކަމަށް އޮތުމުން ބައެއް ފަރާތްތަކުން ބޮޑު އަގުގައި އެ ލިޔުން ވިއްކަމުން ގެންދާ މައްސަލައަަށް ހައްލެއް ގެނައުމެވެ.