އާންމު ތަންތަނަށް ނިކުމެ އުޅޭ އިރު، އެއްވެސް ގޮތަކުން މޫނު ނިވާ ކުރުން މަނާ ކުރުމަށް ބާރުދޭ ޕްރޮޕޯސަލަށް، ސްރީލަންކާގެ ވަޒީރުންގެ މަޖިލީހުން ރުހުން ދީފިއެވެ.

އާންމު ތަންތަނުގައި މޫނު ނިވާ ކުރުން މަނާ ކުރާ ޕްރޮޕޯސަލަށް ވަޒީރުންގެ މަޖިލީހުން ރުހުން ދިނުމުގެ ހުއްޖަތަކަށް ދެއްކީ، ގައުމީ ސަލާމަތަށް ނުރައްކާވާ ކަމުގެ އުޒުރެވެ.

ކަން މިހެން އޮތް އިރު، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ރައްކާތެރި ވުމަށް ބޭނުން ކުރާ ފޭސް މާސްކު ބޭނުން ކުރުން މަނާ ނުވާ ކަމަށް ހަބަރު ލިބެއެވެ.

ލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ސަރަތު ވީރަސޭކަރަ، މިދިޔަ މާޗް މަހު ވަނީ، މުސްލިމް އަންހެނުންގެ ހަށިގަނޑާ މޫނު ނިވާ ކުރުމަށް ބޭނުން ކުރާ ފޭރާމާއި ބުރުގާ މަނާ ކުރުމަށް ގޮވާލާ ކަރުދާހެއް އެކުލަވާލާ، ވަޒީރުންގެ މަޖިލީހުގެ ރުހުން ހޯދުމަށް އެދި ހުށަހަޅާފައެވެ.

ކަނޑައެޅިގެން ބުރުގާގެ ނަން ބަޔާން ކުރެއްވުމަކާ ނުލާ، ވަޒީރުންގެ މަޖިލީހުގެ ތަރުޖަމާނު އަދި އިންފޮމޭޝަން މިނިސްޓަރު ކެހޭލިއާ ރަމްބުކްވެއްލަ ވިދާޅުވީ، އާންމު ތަންތަނުގައި މޫނު ނިވާ ކުރުން މަނާ ކުރުމަށް އޮތް ޕްރޮޕޯސަލަށް ވަޒީރުންގެ މަޖިލީހުން ރުހުން ދީފައިވާކަމަށެވެ. އަދި މޫނު ނިވާ ކުރުމަކީ ގައުމީ ސަލާމަތް އޮތް ނުރައްކަލެއް ކަމަށެވެ. މިއާއެކު، ބުރުގާ އަދި ނިގާބުވެސް މި ލިސްޓަށް ވަނީއެވެ.

ސްރީލަންކާގައި މިކަން ތަންފީޒު ކުރާނީ، ގާނޫނު ހަދާ މަޖިލީހުން ފާސްކޮށް، މި ޕްރޮޕޯސަލަށް ގާނޫނީ ހައިސިއްޔަތު ލިބޭ ހިސާބުންނެވެ.

އޭޕްރިލް 2019ގައި ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެންވެސް އެ ގައުމުން ވަނީ ބުރުގާ މަނާ ކުރާ ވަގުތީ ގަވައިދެއް ތަންފީޒު ކޮށްފައެވެ. 22000000 މީހުންގެ އާބާދީގެ އޮތް ސްރީލަންކާގައި މުސްލިމުން ހިއްސާ ކުރަނީ އެންމެ 9 ޕަސެންޓް ކަމަށް ވާއިރު، 70 ޕަސެންޓަށް ވުރެ ބޮޑުބައި ހިއްސާ ކުރަނީ ބުދިސްޓުންނެވެ.