މަންދު ކޮލެޖަށް ދައުލަތުން 15 މިލިއަން ދިނުމަށް ކޯޓުން ހުކުމް ކުރުމާ ގުޅިގެން މަޖިލީހުގެ ބައެއް މެންބަރުން ފާޑު ވިދާޅުވަމުން އަންނާތީ އެމްޑީޕީގެ ފުރަތަމަ ރައީސް އަދި މަންދު ކޮލެޖްގެ ވެރިޔާ އިބްރާހިމް އިސްމާއީލް (އިބްރާ) ހޫނު ރައްދެއް ދެއްވައިފިއެވެ.
މަންދު ކޮލެޖު ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ދައުލަތުން އެއްބަސްވީ އެމްއީއެސް ކުރިން ހިންގި އިމާރާތް އެ ކުންފުންޏަށް ދޫކުރުމަށް ފަހު 2015 ގައި ސަރުކާރުން އެތަނުގެ އެއްބަސްވުން އުވާލައި، އަތުލި މައްސަލައި ގައެވެ. މިކަމާ ގުޅިގެން މަޖިލީހުގައި ތިއްބަވާ ބައެއް މެންބަރުން ގެންދަވަނީ ސޯޝަލް މިޑިއާގައި އެކަމަށް ފާޑުވިދާޅުވަމުންނެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އިބްރާ ވިދާޅުވީ، މަންދު ކޮލެޖުގެ މައްސަލައާ ގުޅިގެން މެންބަރުންތަކެއް ސޯޝަލް މިޑިއާގައި ފާޑުވިދާޅުވަމުން ގެންދެވުމަކީ އެބޭފުޅުންގެ ޒިންމާ އަދާ ނުކުރެއްވޭ ކަމުގެ ހެއްކެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. މަޖިލީހުގައި ތިއްބަވާ މެންބަރުން މަސްއޫލިއްޔަތު އަދާކުރެއްވުމުގެ ގޮތުން ކަންބޮޑުމެއް ހުރި މައްސަލައެއް ފެނިވަޑައިގެންފި ނަމަ ތަންތަނުން ހަދާފައިވާ ރިޕޯޓުތައް ދިރާސާ ކުރައްވައި އަދި އެކަމެއްގައި މަސްއޫލުވާ ފަރާތްތައް މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރެވޭނެ ކަމަށް އިބްރާ ވިދާޅުވިއެވެ.
ނަމަވެސް އެހެން ކަން ނުކުރައްވާ ސޯޝަލް މީޑިއާގައި އެކަމާ ގުޅިގެން ކަންބޮޑުވުން ހިއްސާ ކުރައްވަމުން ގެންދަވާތީ އިބްރާ ވިދާޅުވީ، ވަޅުދަށުން ދުވާ ކާޅެއް ހެން އަޑު ލެއްވިޔަސް ނުކުންނާނެ ނަތީޖާއެއް ނޯންނާނެ ކަމަށެވެ. އަދި މިހާރު ކަންތައް ވަމުން މިދާ ގޮތުން ރައްޔިތުންގެ މެދުގައި ފިތުނައާއި ކަންބޮޑުވުން އުފެދުން ނޫން ކަމެއް ނުވާނެ ކަމަށެވެ.
މަންދު ކޮލެޖަށް 1.5 މިލިއަން ދިނުމަށް އެޓާނީ ޖެނެރަލް އޮފީހުން ލަފާ ދީ ތައްޔާރު ކޮށްފައިވާ ރިޕޯޓާ ގުޅިގެން އިބްރާ ވިދާޅުވީ، އެފަދަ ރިޕޯޓެއް ތައްޔާރު ކުރި ކަން ވެސް އެނގުނީ މިއަދު ކަމަށެވެ. އެފަދަ ރިޕޯޓެއް ތައްޔާރު ކުރިކަން އަދި އެކަން އެގޮތަށް ބަލާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވެސް އަންގާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިހާތަނަށް އެ ރިޕޯޓު ފެނިވަޑައިގެންފައި ނުވާތީ އެކަމާ ގުޅިގެން އެއްޗެއް ދަންނަވަން ދަތި ކަމަށް އިބްރާ ވިދާޅުވިއެވެ.
މަންދު ކޮލެޖު ސަރުކާރުން އަތުލީ ގޯސްކޮށް ކަމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް، ބަދަލުގެެ ގޮތުގައި 18 މިލިއަން ރުފިޔާ ހޯދަން މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައި ވަނީ ދައުވާ ކޮށްފައެވެ. އެއީ މަންދު ކޮލެޖް އެ އިމާރާތުން ބޭރުކޮށް ލުމުން އެހެން ތަނެއް ހޯދަން މިހާތަނަށް ކުރި ހަރަދުގެ ބަދަލު ކަމަށް ބުނެއެވެ.
ނަމަވެސް ދައުލަތުން ވަނީ އޭގެ ތެރެއިން 15 މިލިއަން ރުފިޔާ ދޭން އެއްބަސް ވެފައެވެ. ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދެ ފަރާތުން އެގޮތަށް އެއްބަސްވުމުން މިދިޔަ ހޯމަ ދުވަހު ދައުލަތުގެ މައްޗަށް ކޯޓުން ހުކުމް ކުރީ އެ ފައިސާ އެއް މަސް ތެރޭގައި ދެއްކުމަށެވެ. މި މައްސަލައާ ގުޅިގެން އޮޑިޓާ ޖެނެރަލް އޮފީހުން ތައްޔާރު ކޮށްފައިވާ އެސެސްމަންޓް ރިޕޯޓުގެ ވާހަކަތައް މިއަދު މީޑިއާއަށް ތިލަވި އިރު އޭގައި ވަނީ އެ ކޮލެޖަށް ދޭންޖެހޭ ބަދަލު ދެބަޔަކށް ބަހާލާފައެވެ. އެގޮތުން ފުރަތަމަ އަދަދަކީ 1.27 މިލިއަން ރުފިޔާގެ ބަދަލެކެވެ. އަދި ދެވަނަ އަދަދަކީ 1.58 މިލިއަން ރުފިޔާގެ ބަދަލެކެވެ.
މަންދު ކޮލެޖަށް ދައުލަތުން 15 މިލިއަން ރުފިޔާގެ ބަދަލެއް ދޭން ނިންމުމުން އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވެފައި ވަނީ، ރައްޔިތުން އަނގަ އާއި އަތާ ދިމާ ނުވެ ތިއްބައި ބޮޑުންނަށް މިލިއަނުން ފައިސާ ދޫކުރަނީ ކަމަށެވެ. ބަދަލުގެ ގޮތުގައި މަންދު ކޮލެޖަށް 50 މިލިއަން ރުފިޔާ ދޭން އުޅޭކަމަށް އާޒިމް ތުހުމަތު ކުރައްވާ މިއަދު ވެސް ވަނީ ޓްވީޓެއް ކުރައްވާފައެވެ.
ހަމައެއާއެކު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސަރުކާރުގެ ބިމަކުން ބަޔަކު ނެރެލުމުން އެ މީހުންނަށް ބަދަލުގެ ގޮތުގައި ލިބުނީ ބިމެއް ގަނެވެލޭވަރުގެ އަގެއް ކަމަށެވެ. މީގެ އިތުރުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދުު ވިދާޅުވެފައި ވަނީ، އާއިލާގެ މީހުންނަށް ވަޒީރުކަން ދޭން ބޭނުންވާ މީހުންނާއި ފަޅު ރަށްތައް ބަހަން ބޭނުންވާ މީހުންނާއި ބަދަލުގެ ގޮތުގައި ނުހައްގުން ބޮޑެތި އަދަދުތައް ހޯދަން ބޭނުންވާ މީހުން ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ބޭނުން ނުވާނެ ކަމަށެވެ.