ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އާ ކޭސްތަކާ މަރުގެ ކޭސްތައް އިތުރުވަމުން ދިއުމާ ގުޅިގެން، މުޅި ގައުމު ލޮކްޑައުން ކުރުމަށް ނިންމާފައި ވާ ކަން، ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާން އިއުލާން ކުރައްވައިފިއެވެ.

މުޅި ގައުމު ލޮކްޑައުން ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން، މެއި 17، 2021ގެ ނިޔަލަށް ކަމަށް މައުލޫމާތު ލިބެއެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަކަށްފަހު އުރުދުގާން ވިދާޅުވީ، ސިޓީތަކަށް ދަތުރު ކުރުމަށް ރަސްމީ ހުއްދައެއް ބޭނުންވާނެ ކަމަށާ، ސްކޫލްތަކަށް ހާޒިރު ވެގެން ކިޔަވާދިނުން ހުއްޓާލުމަށްފަހު އޮންލައިން ޕްލެޓްފޯމަށް ކުލާސްތައް ބަދަލު ވާނެ ކަމަށެވެ. މީގެ އިތުރުން އާންމު ދަތުރުފަތުރުގެ ނިޒާމުގެ ކެޕޭސިޓިވެސް ބޮޑުތަކުން ކުޑަވެގެންދާނެ ކަމަށްވެސް އުރުދުގާން ވަނީ ވިދާޅުވެފައެވެ.

ވިލާތު ބައްރު އަލުން ހުޅުވާލުމަށް ތައްޔާރު ވަމުން އަންނަ މި ދަނޑިވަޅުގައި ތުރުކީވިލާތް ބާކީ ވިޔަ ނުދިނުމަށްޓަކައި މިހާރުން މިހާރަށް ކޭސް ކޮންޓްރޯލް ކުރަންޖެހޭ ކަމަށްވެސް އުރުދުގާން ވަނީ ފާހަގަ ކުރައްވާފައެވެ.

ސިއްހީ ހިދުމަތް ހޯދުމާއި ޒަރޫރީ ވިޔަފާރިއަށް ނޫން ގޮތަކަށް އާންމުން ބޭރަށް ނިކުމެ އުޅުމަކީ ތުރުކީވިލާތުގެ ލޮކްޑައުންގެ މުހުލަތުގައި މަނާ ކަމެކެވެ. މި ގިންތިން އިސްތިސްނާވާ މީހުންގެ ތެރޭގައި ސިއްހީ ހިދުމަތްތެރިންނާ، އެމާޖެންސީ ސާވިސް ވޯކަރުންގެ އިތުރުން ކާބޯތަކެއްޗާއި އުފެއްދުންތެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުން ހިމެނެއެވެ.

ތުރުކީވިލާތުން ދަނީ ކޮވިޑުން ދިފާއުވުމަށް ވެކްސިން ކެމްޕޭންވެސް ހިންގަމުންނެވެ. އެގޮތުން، އެ ގައުމުން 8 މިލިއަނެއްހާ މީހުން ވަނީ ކޮވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައެވެ.