ބ. ފުޅަދޫގެ ފާލަން މަތިން މޫދަށް ފުންމާލި ގޮތަކުން ފަތުރުވެރިއަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ މަރުވެފައި ވަނީ ޔޫކްރެއިންގެ އުމުރުން 62 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ މީހާއަކީ އެރަށުގެ ގެސްޓްހައުސް އެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ މީހެކެވެ.

އެ މީހާ މަރުވީ މިއަދު ހެނދުނު ގާތްގަނޑަކަށް 6:45 ހާއިރު ކަމަށާއި، އޭނާ މަރުވީ ދިޔަވަރު ހިކިފައި ވަނިކޮށް އެ ރަށު ފާލަން މަތިން މޫދަށް ފުންމާލި ވަގުތު މޫދު އަޑީގައި ބޯޖެހިގެން ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ އެމީހާ ފުޅަދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.