ދެކުނުގެ މަސްވެރިކަން ރަނގަޅުވެ މަސްބާނާ މިންވަރު އިތުރުވުމުން މިފްކޯއިން މަސްގަންނަ މިންވަރު ކޮންޓްރޯލް ކޮށްފިއެވެ.
މިފްކޯއިން ބުނީ، މި ދުވަސްވަރު ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ދޯނި ފަހަރު އެއްފަހަރާ ދެކުނުގައި ހުރި އެކުންފުނީގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް މަސްކިރަމުންދާތީ މިފްކޯގެ ފްރީޒިން ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ލިބެމުން ދާ ކަމަށެވެ. އެހެންކަމުން މަސް ކިރުވުމަށް ދަތިތަކެއް ދިމާވެފައިވާތީ މިއަދުން ފެށިގެން އަންނަ ބުދަ ދުވަހާ ހަމައަށް ދޯންޏަކުން ގިނަވެގން 4 ޓަނުގެ މަސް ކިރާ ގޮތަށް ހަމަޖއްސާފައިވާ ކަމަށް މިފްކޯއިން ބުނެއެވެ.
މިހާރުވެސް ކިޔޫގައި މަސްކިރަން ގިނަ ދޯނިފަހަރު އެބަ ތިއްބެވެ. މިފްކޯއިން ބުނީ މިގޮތަށް ނިންމީ ކިޔުގައި ތިބި ދޯނިފަހަރުގެ މަސްކިރައި ފްރީޒްކުރުމަށް ވަގުތު ބޭނުންވާތީ ކަމަށެވެ. މިގޮތަށް ހަމަޖެއްސިކަމުގައި ވީނަމަވެސް ކޫއްޑޫއާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މަސްކިރުމަށް ކިޔޫ ނަމްބަރު ދޫކޮށްފައިވާ ދޯނި ފަހަރުގެ މަސް ކިރުމުގައި ކޮންޓްރޯލެއް ނެތި ކުރިއަ ށްގެންދާނެ ކަމަށް މިފްކޯއިން ބުނެއެވެ.
މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު މަސްގަތުން ކޮންޓްރޯލް ކުރުމަކީ މަސްވެރިންނަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް މަސްވެރިން ބުނެއެވެ. މިކަންކަން ހައްލުކޮށްދޭނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް މިކަމަށް ހައްލެއް ގެނައުމަށް އެއްވެސް ކަމެއް ކުރަމުން ނުދާ ކަމަށް ވެސް މަސްވެރިން ބުނެއެވެ.