ގދ. ތިނަދޫއިން ޕޮޒިޓިވް ދެ ކޭސްއެއް ފެނި ރަށް މޮނިޓަރިންއަށް ލައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލް ރައީސް އަލީ އަމްޖަދު ވިދާޅުވީ، އެ ރަށުން މި ފަހަރު ޕޮޒިޓިވް ކޭސް ފުރަތަމަ ފެނުނީ އިއްޔެ ކަމަށެވެ. އަދި އެއީ ހޯމަ ކަރަންޓީންގައި ހުރި މީހެއް ކަމަށާއި އެމީހާ ޕޮޒިޓިވްކަން އެނގުނީ ފުރަބަންދުގެ މުއްދަތު ހަމަވެގެން ހެދި ޓެސްޓުގެ ނަތީޖާ އިން ކަމަށް އަމްޖަދު ވިދާޅުވިއެވެ.

އެމީހާ ޕޮޒިޓިވްވި އިރު އޭނާގެ ކޮންޓެކްޓުންގެ ގޮތުގައި ތިން މީހަކު ފާހަގަ ކުރެވި ޓެސްޓު ހަދަން ސާމްޕަލް ނެގި ކަމަށް އަމްޖަދު ވިދާޅުވިއެވެ. އެގޮތުން އެ ތިން ސާމްޕަލްގެ ތެރެއިން އެކެއްގެ ނަތީޖާ މިއަދު ލިބިފައިވާ ކަމަށާއި އެމީހާ ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އަމްޖަދު ވިދާޅުވިއެވެ. އަނެއް ދެ ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަމްޖަދު ވިދާޅުވީ، މިހާރު ރަށް މޮނިޓަރިންއަށް ލާފައި ވަނީ ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްދާނެ ކަމަށް ބެލެވޭތީ ކަމަށެވެ. އެއީ ޕޮޒިޓިވްވި މީހުންގެ ތެރެއިން ކަރަންޓީންގައި ހުރި މީހާއާ ކޮންޓެކްޓްވީ މީހާ ވަނީ ރަށު ތެރެއިން އެކި މީހުންނާ ބައްދަލުވެފައި ކަމަށް އޭނާ ވިދާޅުވިއެވެެ. އެހެންކަމުން މިހާރު ދަނީ ރަށުތެރެއިން އިތުރު ކޮންޓެކްޓުން ދެނެގަތުމަށް މަސައްކަތް ކުރަމުން ކަމަށާއި އަދި ކޮންޓެކްޓުން ދެނެގަނެވި ޓެސްޓުތައް ހަދައި ނިމެންދެން ރަށް މޮނިޓަރިންގެ ހާލަތުގައި ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ވަގުތު ތިނަދޫގައި ކޮވިޑް ކޭސްއާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ވަނި ފިޔަވަޅުތަކެއް ވެސް އަޅާފައެވެ. އެ ގޮތުން ގިނަ ބަޔަކު އެއް ތަންވެ ރޯދަ ވީއްލުން އަދި ހަފްލާތަކާއި ޕާޓީތަކުގެ އިތުރުން އާންމު ތަންތަނަށް އެއްވެ އުޅުން ވަނީ މަނާ ކޮށްފައެވެ.

މީގެ ކުރިން ވެސް ތިނަދޫ މޮނިޓަރިންއާ ލާފައިވާ އިރު އެފަހަރު އެ ރަށުން ވަނީ 8 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.