ވެރިކަން ކުރާ ކޯލިޝަން ސަރުކާރުގެ މައި ޕާޓީ، (އެމްޑީޕީ)ގެ އެތެރޭގެ އިންތިހާބުގައި ވާދަކުރެވޭނީ އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި މަދުވެގެން އަހަރެއް ވެފައިވާ ފަރާތްތަކަށް ކަމަށް އެ ޕާޓީއިން ނިންމައިފިއެވެ.

އެމްޑީޕީއިން އެ ނިންމުން ނިންމާފައި ވަނީ މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވި 69 މެންބަރުންގެ ވޯޓާއެކުއެވެ.

މިރޭ ބޭއްވި އެ ބައްދަލުވުމުގައި ރައީސް، އިބްރާހިމް މުހައްމަދު ސޯލިހާއި އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލެވޭނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެޕާޓީގެ މެންބަރުންގެ ގޮތުގައި ހިމެނިފައިވާ ފަރާތްތަކަށެވެ. އެގޮތުން އެ ދުވަހުން ފެށިގެން މެމްބާޝިޕް ފޯމުތައް ބަލައިގަތުން ވެސް އެ ޕާޓީއިން ވަނީ ހުއްޓާލާފައެވެ.

އެ ޕާޓީން ބާއްވާ އިންތިހާބުގައި ވޯޓުލާނީ ޖުމްލަ 455 މަގާމަކަށް މީހުން އައްޔަން ކުރުމަށެވެ. އެ މަގާމުތަކުގެ ތެރޭގައި، ހިންގާ ކޮމިޓީގެ މެންބަރުން، ދާއިރާ، ޕްރޮވިންސް އަދި ސިޓީ ތަކުގެ ރައީސުންނާއި ނައިބު ރައީސުން ހިމެނެއެވެ. ހަމައެއާއެކު ދާއިރާ، ޕްރޮވިންސް އަދި ސިޓީ ތަކުގެ ސެކެރެޓަރީންނާއި ނައިބުންގެ އިތުރުުން މީޑިއާ ސެކްރެޓަރީން ވެސް މި އިންތިހާބުގައި ހޮވާނެއެވެ.

އެމްޑީޕީން އެންމެ ފަހުން އިންތިހާބު ކޮށްފައި ވާ ގައުމީ މަޖިލީހުގައި 140 އަށް ވުރެ ގިނަ މެންބަރުން ހިމެނެއެވެ. އެ މެންބަރުން އިންތިހާބު ކޮށްފައި ވަނީ 2016 ވަނަ އަހަރެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހަކީ ޕާޓީގެ އެންމެ މުހިންމު ނިންމުންތައް ނިންމުމުގައި މަޝްވަރާ ކުރާ މަޖިލީހެވެ.