އިންޑިއާގައި ކޮވިޑް ކޭސްތައް ގިނަވަމުން އަންނާތީ އެކަމާ ގުޅެިގެން މިހާރު އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންނާ މެދު އަމަަލު ކުރާ އުސޫލުތަކާ މެދު ގޮތެއް ނިންމުމަށް މަޝްވަރާތަކެއް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ އޮންލައިން ނޫހަކަށް ދިން ބަސްދީގަތުމެއްގައެވެ. ނަމަވެސް އަޅުއްވަން ގަސްދު ކުރައްވާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

މައުސޫމް ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ފުރައިގެން ދާއިރު، އެ ހުރިހާ ފަތުރުވެރިން ސާމްޕަލް ނަގާ ކަމަށާއި، ވަކި ގައުމެއްގެ ފަތުރުވެރިން ޕޮޒިޓިވްވާ ކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އަދި ޕޮޒިޓިވްވާ މީހުންގެ ތެރޭގައި އިންޑިއާއިން އަންނަ މީހުން ގިނަ ކަމުގެ ޕެޓާނެއް ނުފެންނަ ކަމަށާއި އެކަންވެސް ގާތުން ބަލަމުންދާ ކަމަށެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ހިސާބުތަކަށް ބަލާއިރު، 23 އިންސައްތަ ފަތުރުވެރިން އަންނަނީ އިންޑިއާއިން ކަމަށާއި، އެގައުމުގެ ހާލަތު ގޯސްވަމުން ދާތީ ބައެއް ފިޔަވަޅުތައް އެޅުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވެމުންދާ ކަމަށް މައުސޫމް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ޝިއާރާއި އެއްގޮތަށް ހިފަހައްޓަން ޖެހޭ ކަންތައްތަކުގައި ހިފަހައްޓާނެ ކަމަށް ވެސް، މައުސޫމް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގައި ގެންގުޅޭ ޝިއާރަކީ ފަތުރުވެރިން އުފުލާ ތަކުލީފު ވީހާވެސް ކުޑަކޮށްގެން، ފަތުރުވެރިންނަށާއި، އާންމުންނަށާއި، މުވައްޒަފުންނަށް ދެވޭނެ އެންމެ ބޮޑު ރައްކާތެރިކަން ދީގެން ކުރިއަށް ގެންދިއުން ކަމަށް މައުސޫމް ވިދާޅުވިއެވެ.

އިންޑިއާގައި ކޭސްތައް ގިނަވަމުން އަންނާތީ އެހެން ގައުމުތަކުން އަންނަނީ އެ ގައުމުތަކުގެ ބޯޑަރު އިންޑިއާ މީހުންނަށް ބަންދު ކުރަމުންނެވެ. ނަމަވެސް ރާއްޖޭގައި އިމިގްރޭޝަނުން ވަނީ އިންޑިއާ ފިޔަވާ އެހެން ގައުމުތަކުގެ ފަތުރުވެރިން ކަރަންޓީން ވާން ޖެހޭ ގޮތަށް އުސޫލެއް ނެރެފައެވެ. ފަތުރުވެރިން ކަރަންޓިން ވާން ނުޖެހުނު ނަމަވެސް އިންޑީއާއިން އަންނަ ދިވެހިން ނުވަތަ ވޯކް ވިސާގައި އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ހޯމް ކަރަންޓީން ވާން ޖެހެއެވެ.

އިންޑިއާއިން ރެކޯޑް އަދަދުތަކުން ކޮވިޑް ކޭސްތައް ފެންނަމުން އަންނަ އިރު ފާއިތުވީ 24 ގަޑިއިރު ތެރޭ 332730 ކޮވިޑް ކޭސް ވަނީ ފެނިފައެވެ. މިއީ ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުން، މުޅި ދުނިޔެވެސް ދުށް ރެކޯޑެކެވެ.