ބަދަލުގެ ގޮތުގައި މަންދު ކޮލެޖަށް 15 މިލިއަން ރުފިޔާ ދޭން ދައުލަތުން އެއްބަސްވުމުން ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެއްޖެއެވެ.

މަންދު ކޮލެޖު ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ދައުލަތުން އެއްބަސްވީ އެމްއީއެސް ކުރިން ހިންގި އިމާރާތް އެ ކުންފުންޏަށް ދޫކުރުމަށް ފަހު 2015 ގައި ސަރުކާރުން އެތަނުގެ އެއްބަސްވުން އުވާލައި، އަތުލި މައްސަލައި ގައެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެންބަރުންނާއި އަމިއްލަ ބައެއް މެންބަރުން ވެސް ގެންދަވަނީ އެކަމާ ގުޅިގެން ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ، ރައްޔިތުން އަނގަ އާއި އަތާ ދިމާ ނުވެ ތިއްބައި ބޮޑުންނަށް މިލިއަނުން ފައިސާ ދޫކުރަނީ ކަމަށެވެ.

ހަމައެއާއެކު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ކުރެއްވި ޓްވީޓެއްގައި ވަނީ ސަރުކާރުގެ ބިމަކުން ބަޔަކު ނެރެލުމުން އެ މީހުންނަށް ބަދަލުގެ ގޮތުގައި ލިބުނީ ބިމެއް ގަނެވެލޭވަރުގެ އަގެއް ކަމަށެވެ. އެހެންވީމާ އެކަން ވަރަށް "ސަޅި" ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދުު ވިދާޅުވީ، އާއިލާގެ މީހުންނަށް ވަޒީރުކަން ދޭން ބޭނުންވާ މީހުންނާއި ފަޅު ރަށްތައް ބަހަން ބޭނުންވާ މީހުންނާއި ބަދަލުގެ ގޮތުގައި ނުހައްގުން ބޮޑެތި އަދަދުތައް ހޯދަން ބޭނުންވާ މީހުން ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ބޭނުން ނުވާނެ ކަމަށެވެ.

މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެންބަރެއް ކަމަށްވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ، ޝަރުއީ ކޯޓެއްގެ ނިހާއީ ހުކުމެއް ނެތި ދައުލަތުގެ ފައިސާއިން ބަދަލެއް ނުދެވޭނެ ކަމަށެވެ. ދެބަސްވެ ޝަރުއީ މަރުހަލާއަށް ގޮސްފައިވާ މައްސަލައެއްގައި ހުކުމްކޮށް ވަކިގޮތެއް ކަނޑައެޅުުމުގެ ބާރު ސަރުކާރު ހިންގާ ފަރާތަށް ލިބިގެން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަންދު ކޮލެޖު ސަރުކާރުން އަތުލީ ގޯސްކޮށް ކަމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް، ބަދަލުގެެ ގޮތުގައި 18 މިލިއަން ރުފިޔާ ހޯދަން މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައި ވަނީ ދައުވާ ކޮށްފައެވެ. އެއީ މަންދު ކޮލެޖް އެ އިމާރާތުން ބޭރުކޮށް ލުމުން އެހެން ތަނެއް ހޯދަން މިހާތަނަށް ކުރި ހަރަދުގެ ބަދަލު ކަމަށް ބުނެއެވެ.

ނަމަވެސް ދައުލަތުން ވަނީ އޭގެ ތެރެއިން 15 މިލިއަން ރުފިޔާ ދޭން އެއްބަސް ވެފައެވެ. ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދެ ފަރާތުން އެގޮތަށް އެއްބަސްވުމުން މިދިޔަ ހޯމަ ދުވަހު ދައުލަތުގެ މައްޗަށް ކޯޓުން ހުކުމް ކުރީ އެ ފައިސާ އެއް މަސް ތެރޭގައި ދެއްކުމަށެވެ.