މާލޭގެ މަޖީދީ މަގުގައި ޒިކުރާ މިސްކިތް ހުރި ބިމުގައި އެޅި ވަގުތީ މިސްކިތް މިއަދު ހުކުރު ނަމާދު ވަގުތަށް ހުޅުވައިފިއެވެ.

މި މިސްކިތް މިއަދު ހުޅުވައިދެއްވީ، މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު އަލީއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު ޒިކުރާ މިސްކިތް ހުރި ބިމުގައި އެޅި ވަގުތީ މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ. އަދި އެ މިސްކިތް ނިންމާފައި ވަނީ 7 ދުވަހުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް ހެދީ ސިވެކް ކުންފުންޏާ ހަވާލުކޮށްގެނެވެ.

އިސްލާމިކް މިނިސްޓްރީން މަސައްކަތް ކުރީ ރޯދަ މަހުގެ ފުރަތަމަ ދުވަހު ވަގުތީ މިސްކިތް ބޭނުން ކުރަން ފެށޭވަރަށް މަސައްކަތް ކުރިއަށް ގެންދާށެވެ. ނަމަވެސް ވަގުތީ މިސްކިތް ހަދަން ޒިކުރާ މިސްކިތް ހުރި ސަރަހައްދު ކޮންނަމުން ދަނިކޮށް ބައެއް އާސާރީ ތަކެއްޗާއި މިނި ކަަށި ފެނުމާ ގުޅިގެން މަސައްކަތް ލަސްވީއެވެ.