ދިވެހިރާއްޖެ ހިމެނޭހެން ދެކުނު އޭޝިއާ ސަރަހައްދުގެ 5 ގައުމަކަށް ދަތުރު ނުކުރުމަށް އެމެރިކާއިން އެ ގައުމުގެ ރައްޔިތުންނަށް އަންގައިފިއެވެ.

މި ދުވަސްވަރަކީ ދެކުނު އޭޝިއާ ސަރަހައްދުގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އިތުރު ވަމުން އަންނަ ދަނޑިވަޅެއްކަން ފާހަގަކޮށް، އެމެރިކާގެ ރައްޔިތުން އެ ގައުމުތަކަކަށް ދަތުރު ނުކުރުމަށް އިލްތިމާސްކުރި ލިސްޓުގައި ހިމެނެނީ އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، އަފްޣާނިސްތާން އަދި ދިވެހިރާއްޖެއެވެ.

މި 5 ގައުމުވެސް ހިމަނާފައިވަނީ ދަތުރު ކުރުން މަނާ ގައުމުތަކުގެ 4 ވަނަ ގިންތީގައެވެ.

ދިވެހިރާއްޖެއަށް ދަތުރު ނުކުރުމަށް ގޮވާލާ، އެމެރިކާގެ ފޮރިން މިނިސްޓްރީ ނުވަތަ ސްޓޭޓް ޑިޕާޓްމަންޓުން ނެރެފައިވާ އެޑްވައިޒަރީގައި ބުނެފައި ވަނީ، ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖެއަށް ދަތުރު ނުކުރުމަށެވެ. އަދި ޓެރަރިޒަމްގެ ނުރައްކާ އޮތުމާއެކު، ރާއްޖޭގައި އުޅޭއިރު އިންތިހާއަށް ސަމާލުވެ ތިބުމަށްވެސް މި އެޑްވައިޒަރީގައި ބުނެފައިވެއެވެ.

އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް އަދި އަފްޣާނިސްތާނަށް ދަތުރު ނުކުރާން ނެރުނު އެޑްވައިޒަރީގައިވެސް ޓެރަރިޒަމްގެ ނުރައްކާ ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން ޗައިނާ އަދި ނެޕާލްއަށް ދަތުރު ކުރަން ގަސްތުގައި ރައްޔިތުން ދެވަނަ ވިސްނުމަކަށް ދިއުމަށްވެސް އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީއާ ގުޅިގެން ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ސުވާލު ކުރުމުން އަދި ވަކި ޖަވާބެއް ދީފައެއް ނުވެއެވެ.