މާލޭގެ މަގުތަކަކީ އަމާން ތަނަކަށް ހެދުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމަކީ ސިޓީ ކައުންސިލް އިން އިސްކަން ދޭނެ ކަމެއް ކަމަށް މާލެ ސިޓީ މޭޔަރު ކަމަށް އިންތިހާބު ވެވަޑައިގެން ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ މި ރޯދަ މަހުތެރޭ އިރާކޮޅު ވަގުތެއްގައި މާލޭ މަގުމަތީން ހިނގާފައި ދިޔަ އަންހެނަކު ގަދަކަމުން ގެންގޮސް ގޯޅިގަނޑަކަށް ވައްދާ ރޭޕް ކުރި މައްސަލަ ފެންމަތިވެފައިވާ ދަނޑިވަޅެއް ގައެވެ. މުއިއްޒު ވިދާޅުވީ، މާލޭގެ މަގުމައްޗަކީ އަމާން މަގުތަކަކަށް ހެދުމަށް ވަރަށް އިސްކަން ދީގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެ ގޮތުން ކަމާބެހޭ އެންމެހާ ފަރާތްތަކާ ގުޅިގެން މިކަމަށް ހާއްސަ މަސައްކަތްތަކެއް ކުރަމަކީ ސިޓީ ކައުންސިލް އިން އިސްކަން ދޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މުއިއްޒުގެ މިހެން ވިދާޅުވެ ކުރެއްވި ޓްވީޓަށް އާންމުންގެ އެތައް ބަޔަކު ކޮމެންޓް ކޮށްފައިވާ އިރު މާލޭ މަގުތަކުގައި އަދިވެސް އިތުރު ކެމެރާތައް ހަރު ކުރުމަށް ވެސް އާންމުން ވަނީ ގޮވާލާފައެވެ.

މާލޭގައި މި ހާދިސާ ހިނގާފައި ވަނީ، މި މަހުގެ 16 ވަނަ ދުވަހުގެ ރޭ 7:45 ހާއިރުއެވެ. އުމުރުން 18 އަހަރުގެ އަންހެނަކު މާލޭގެ މާފަންނު ގައި ހުންނަ ލެމަންގްރާސް ކުރިމަތިން ހިނގާފައި ދިޔައީ އީދު މިސްކިތުގައި ތަރާވީހަށް މީހުން ތިބި ވަގުތެއްގައެވެ. އެވަގުތަކީ އެ ސަރަހައްދުގައި މަގުމަތި ޕެޓްރޯލް ކުރަން ފުލުހުންވެސް އުޅުނު ވަގުތެކެވެ.

މި ހާދިސާ ހިނގި އިރު އެ ސަރަހައްދުގައި ހުރި ސީސީޓީވީއަކުން ނަގާފައިވާ ވީޑީއޯ ވަނީ ސޯޝަލް މީޑީޢާގައި އާންމުކޮށްފައެވެ. މި ވީޑިއޯއިން ފެންނަނީ ފިރިހެނަކު އެ އަންހެން މީހާގެ އަތުގައި ހިފާ ދަމާފައި ގެންދާ މަންޒަރެވެ. އޭރުވެސް އެ އަންހެންމީހާ ގަދަހަދަމުން ދެއެވެ. އަދި އެ މަގުގައި ހުރި ގޯޅިއެއްގެ ތެރެއަށް އެ އަންހެންމީހާ ވައްދަން މަސައްކަތް ކުރި ވަގުތު އެ އަންހެންމީހާ މަގުމައްޗަށް ވެއްޓެއެވެ. އެ ހިސާބުން އެކަކު އޭނާގެ ފައިގައި ހިފާ ދަމާފައި ގެންދަން މަސައްކަތް ކުރެއެވެ. އަދި ދެން ހުރި ފިރިހެން މީހާ އެ އަންހެންމީހާގެ ކޮނޑުގައި ހިފާ އުފުލާލައިގެން އެ ގޯޅިތެރެއަށް ވައްދައެވެ.

މި ކަން ހިނގާ ވަގުތު އެ ސަރަހައްދުގައި ބަޔަކު ތިބޭތަން ފެނެއެވެ. އަދި އެމަގުން ބަޔަކު ހުރަސްކޮށްފައި ވެސް ދެއެވެ. ނަމަވެސް އެކަކުވެސް އެ އަންހެންމީހާއަށް އެހީވާން މަސައްކަތް ކޮށްފައެއް ނުވެއެވެ.

މި މައްސަލައިފައި ހައްޔަރުކޮށްފައި ވަނީ ވިނަރެސް، ހދ. ނޭކުރެންދޫ، އާދަމް ވިޝާން (18) އަދި މިލާފަރު، ހދ. ވައިކަރަދޫ، އަލީ ރަޝީދު (23) އެވެ. މި ދެމީހުންނަކީ ވެސް މާލޭގައި، އެއް ގެއެއްގައި އުޅެމުން އަންނަ ދެމީހުންނެވެ. އެ ދެމީހުންގެ މައްޗަށް ކުރަނީ މާރާމާރީ އާއި ކިޑްނެޕް އަދި ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ ތުހުމަތެވެ.