އުމުރުން ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި 24 އަހަރުގެ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ، އުމުރުން ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ކްރައިމްސް އެގެއިންސްޓް ޗިލްޑްރެން ޑިޕާޓުމެންޓުން ބަލަމުންދާ ކަމަށެވެ. މި މައްސަލައާ ގުޅިގެން އުމުރުން 24 އަހަރުގެ މީހަކު ރޭ 8:55 ހާއިރު ވަނީ ހައްޔަރު ކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.

ތިން އަހަރުގެ ކުއްޖާއަށް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ޑޮކްޓަރަށް ދައްކައި، ނަފްސާނީ ގޮތުން އަސަރުކޮށްފައި ވޭތޯ ބެލުމަށް ސައިކޮލޮޖިސްޓަކަށް ދައްކާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މިހާރު އެކަމާ ގުޅޭ ރިޕޯޓުތައް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ މައްސަލައަކީ ސީރިއަސް މައްސަލައެއް ކަމަށް ވާތީ ހެއްކާއި ގަރީނާ ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ޖެންޑާ މިނިސްޓްރީން ވަނީ އަނިޔާ ލިބުނު ކަމަށް ބުނާ ކުއްޖާ ރައްކާތެރި މާހައުލަކަށް ގެންގޮސްފައެވެ.