ރާއްޖޭގެ އަމިއްލަަ ކުންފުންޏަކުން "މައި މާސްކް ފެކްޓްރީ" ގެ ނަމުގައި ސާޖިކަލް މާސްކު ހަދާ ފެކްޓަރީއެއް ހުޅުވައިފިއެވެ.

މިއީ ރާއްޖޭގައި އުފެއްދި މިފަދަ ފުރަތަމަ ފެކްޓްރީއެވެ. މި ފެކްޓްރީއަކީ ނަކް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ އމަިއްލަ ކުންފުންޏަކުން ހުޅުވި ފެކްޓްރީއެކެވެ. އެ ކުންފުނިން ބުނާ ގޮތުގައި، މި ފެކްޓްރީ ހުޅުވުމުގެ ބޭނުމަކީ ކޮވިޑް-19ގެ ސަބަބުން މާސްކު އަޅަން ޖެހޭ އިރު ހެޔޮ އަގުގައި ކޮލިޓީ ރަނގަޅު މާސްކު ފޯރުކޮށް ދިނުމެވެ.

މި ފެކްޓްރީއިން ހަދާ މާސްކުތަކަކީ ތިން ފަށަލައަކަށް ހުންނަ މާސްކެވެ. އެ މާސްކް ގެ މަތީ ފަށަލައަކީ ފެން ހަރުނުލާ ފަށަލައެކެވެ. އަދި އެތެރެ ފަށަލައިގައި ބޭނުން ކޮށްފައިވާ މެޓީރިއަލް އަކީ ފަސޭހައިން ނޭވާލެވޭ މެޓީރިއަލެކެވެ. އަދި މާސްކުގައި ހުންނަ ފިލްޓަރަކީ "ބެކްޓީރިއަލް ފިލްޓަރޭޝަން އެފިޝަންސީ" 99 ޕަސެންޓުގެ ފިލްޓަރެއް ކަމަށް ބުނެއެވެ.

މި ފެކްޓްރީ އަށް ބޭނުންވާ މެޝިންތަކާއި ރޯ މެޓީރިއަލްސް ގެންނަނީ ބޭރުންނެވެ. އަދި މާސްކު ހެދުމަށް އެ ފްކެޓްރީގައި ބޭނުން ކުރަނީ ހޮސްޕިޓަލުތަކުގައި ބޭނުންކުރާ ޔޫރަޕިއަން ސްޓޭންޑަޑަށް ފެތޭ ފެންވަރުގެ މެޓީރިއަލް ކަމަށް އެ ކުންފުނިން ބުނެއެވެ.

މައި މާސްކް ފެކްޓްރީން އުފައްދާ މާސްކުތައް މިހާރު ބާޒާރަށް ނެރެފައިވާ އިރު އެ މާސްކުތަކުގެ ތެރޭގައި ރައްކާތެރި ކަމާއެކު ގެންގުޅެވޭނެ ހެން ކޮންމެ މާސްކެއް ވަކިން އުރައިގައި ބަންދުކޮށްފައި ހުންނަ މާސްކާއި 50 މާސްކު ހިމެނޭ ބަންޑެލިތައް ހިމެނެއެވެ. އަދި ސްކޫލް ކުދިންނަށް ހާއްސަ ކޮށްގެން ކުޑަކުދިންގެ މާސްކު ވެސް މިހާރު ވަނީ ބާޒާރަށް ނެރެފަ އެވެ.

މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި މައި މާސްކުގެ އެކި ކުލަކުލައިގެ މާސްކުތައް ބާޒާރަށް ނެރޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.