އޮކްސިޖަން ލީކުވެ، އެކަށީގެންވާ ގޮތެއްގައި ހަށިގަނޑަށް އޮކްސިޖަން ނުލިބުމުގެ ސަބަބުން، އަވަށްޓެރި އިންޑިއާގެ ހޮސްޕިޓަލެއްގައި، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ފަރުވާ ހޯދަމުން ދިޔަ 22 ޕޭޝަންޓެއް މަރުވެއްޖެއެވެ.

ހާދިސާ ހިނގާފައި ވަނީ ނަޝީކް ސިޓީގެ ޒާކިރު ހުސައިން ހޮސްޕިޓަލުގައި، އޮކްސިޖަން ޓޭންކަރުން، ސްޓޯރޭޖް ޓޭންކަށް ރީފިލް ކުރަމުން ދިޔަ ވަގުތު ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ހާދިސާ ހިނގަން މެދުވެރި ސަބަބެއް ނުވަތަ ޕޭޝަންޓުންނަށް ސަޕްލައި ދަށްވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

އޮފިޝަލުން ވިދާޅުވީ، ވެންޓިލޭޓަރުތަކަށް އޮކްސިޖަން ނުލިބި، 30 ވަރަކަށް މިނެޓް ހޭދަވި ކަމަށާ، ޕޭޝަންޓުން މަރުވީ މިކަމުގެ ސަބަބުން ކަމަށެވެ.

ނަޝީކް ސިޓީގެ މުނިސިޕަލް ކޮމިޝަނަރު ކައިލާޝް ޖާދަވް ވިދާޅުވީ، މިކަމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށްފަހު، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ޒާކިރު ހުސައިން ހޮސްޕިޓަލުން އޮކްސިޖަން ޓޭންކަރުތަކަށް ގުޅާފައި ވަނީ، އެ ހޮސްޕިޓަލުން އޮކްސިޖަން ސަޕްލައި ހުސްވާން ފެށުމުން ކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19ގެ ނުރައްކާ ރާޅެއްގައި އިންޑިއާ ޖެހިފައި ވާއިރު، އެކަށީގެންވާ ގޮތެއްގައި އޮކްސިޖަން ސަޕްލައި ކުރުމަށް އިންޑިއާގެ ހޮސްޕިޓަލުތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. ދުވާލެއްގެ މައްޗަށް މިހާރަކަށް އައިސް 2 ލައްކައަށް ވުރެ ގިނަ އާ ކޭސް ރެކޯޑް ކުރަމުން އަންނައިރު، ހޮސްޕިޓަލުތަކުގެ ޖާގައިގެ ދަތިކަން ކުރިމަތިވެ، ބޭސް ލިބުމުގެ ދަތިތަކާ ވެސް ދަނީ ކުރިމަތިވަމުންނެވެ.