4.4 ބިލިއަން ރުފިޔާއަށް ވުރެ އިތުރަށް އޯވާޑްރޯ ނުކުރެވޭނެ ކަމަށާއި އެކަމަށް އެއްވެސް ޖާގައެއް ވެސް ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ، ޕަބްލިކް ބޭންކު އެކައުންޓް އޯވާޑްރޯ ކުރުމަށް ދިން މުއްދަތު އިތުރު އެއް އަހަރަށް ދަންމާލުމަށް އެދި ފިނޭންސް އިން މަޖިލީހަސް ހުށަހަޅާފައިވަ މައްސަލާގައި ބޭއްވި ވަގުތީ ކޮމެޓީގެ ބައްދަލުވުމުގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އަމީރު ވިދާޅުވީ، 4.4 ބިލިއަން ރުފިޔާ އޯވާ ޑްރޯ ކުރާނީ މިދިޔަ މުއްދަތުގެ ތެރޭ ދައުލަތަށް އާމްދަނީ ލިބޭ މިންވަރަކުން އޯވާ ޑްރޯ ކުރާ އަދަދު ސެޓްލް ކުރާ ގޮތަށް ކަމަށެވެ.
އަމީރު ވިދާޅުވީ މި ކުއާޓރު ނިމޭ އިރު ޓެކްސް ރެވެނިއު އިތުރުވާނެ ކަމަށާއި އެ ފައިސާ ވަންނަނީ ޕަބްލިކް ބޭންކް އެކައުންޓަށް ކަމަށެވެ. އެގޮތުން މިސާލު ޖައްސަވަމުން އަމީރު ވިދާޅުވީ، މިސާލަކަށް މިއަދު 3 ބިލިއަން އޯވާޑްރޯ ކޮށްފައި ޕްބްލިކް ބޭންކް އެކައުންޓަށް ގާތްގަނޑަކަށް ޖީއެސްޓީގެ ގޮތުގައި އެއް ބިލައިން ރުފިޔާ މި މަސް ނިމޭއިރު ލިބިއްޖިއްޔާ އޯވާޑްރޯގައި ބާކީ އޮންނާނީ ދެ ބިލިއަން ރުފިޔާ ކަމަށެވެ. އޯވާޑްރޯ ސެތްލް ވަމުންދާނީ އޮޓޮމެޓިކުން ކަމަށެވެ.
ފުރަތަމަ އިސްތިސްނާ ހޯދިއިރު ވެސް އޯޑީ އަކީ އޮޓަމެޓިކަލީ ސެޓްލް ވާނެ އެއްޗެއް ކަމަށް ދަންނަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި 4.4 ބިލިއަނަށް ވުރެ އިތުރަށް އޯޑީ ކުރުމަށް އެމްއެމްއޭ އިން ޖާގަ ވެސް ނުދޭނެ ކަމަށާއި އެކަން އެގޮތަށް ނުވެސް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެއަށްވުރެ އިތުރަށް އޯވާޑްރޯކުރަން ނުވެސް ވިސްނާ ކަމަށް މިނިސްޓަރު ވިދާޅުުވިއެވެ.
ފިނޭންސް މިނިސްޓަރު އަމީރު ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ކޮވިޑް19އާ ގުޅިގެން ކުރިމަތިވި އިގްތިސޯދީ އަދި މާލީ ލޮޅުމާ ގުޅިގެން ދައުލަތުގެ ހަރަދުތައް ހަމަޖައްސައި ހިދުމަތް ދިނުމުގެ ކަށަވަރުކަން ދިނުމަށް ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލު ކުރުން ފަސްކުރުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރު ކުރުމަށް އެދޭ ކަމަށެވެ.