ނިމިދިޔަ 2020 ވަނަ އަހަރު އެންމެ ގިނަ އަދަދަކަށް މަރުގެ ހުކުމް ތަންފީޒު ކުރި 5 ގައުމުގެ ތެރެއިން 4 ގައުމެއް ނިސްބަތްވަނީ މެދުއިރުމައްޗަށް ކަމަށް، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފިއެވެ.
އެމްނެސްޓީއިން އެކުލަވާލި ރިޕޯޓެއް ބުނާ ގޮތުގައި، 2020 ވަނަ އަހަރު އެންމެ ގިނަ އަދަދަކަށް މަރުގެ ހުކުމް ތަންފީޒު ކުރި ގައުމުތަކުގެ ތެރޭގައި އީރާން، މިސްރު، އިރާގު އަދި ސައުދީ އަރަބިއްޔާ ހިމެނެއެވެ. ރިޕޯޓް ކޮށްފައިވާ 483 ކޭހުގެ ތެރެއިން، 88 ޕަސެންޓް ކޭސް ހިއްސާ ކުރަނީ ސައުދީއިން ކަމަށްވެސް އެމްނެސްޓީއިން ފާހަގަ ކުރެއެވެ.
2020 ވަނަ އަހަރު މަރުގެ ހުކުމް ތަންފީޒު ކުރި އަދަދަށް ބަލާއިރު، ޖުމުލަ ގޮތެއްގައި އަދަދުތައް އުޅެނީ ދަށުގައެވެ. ނަމަވެސް، ޗައިނާގެ ތަފާސް ހިސާބުތައް ހިމަނާފައި ނުވާ ކަން ފާހަގަ ކުރަން ޖެހެއެވެ. ޗައިނާއަކީ ކޮންމެ އަހަރަކުވެސް އެތައް ހާސް މީހުންނެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރާ ގައުމެކެވެ. ނަމަވެސް، ޗައިނާއިން ސައްހަ ތަފާސް ހިސާބު ހޯދުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއެކު، އަދިވެސް ހަގީގަތާ ހިސާބަށް ވާސިލުވެވޭ ގޮތެއް ނުވެއެވެ.
މަރުގެ ހުކުމް ތަންފީޒު ކުރަމުން އަންނަ ގޮތާ ގުޅިގެން އެމްނެސްޓީއިން އާންމު ކުރި ރިޕޯޓަށް ބަލާއިރު، މެދުއިރުމައްޗާ އުތުރު އެފްރިކާގެ ގައުމުތަކުގައި، 2020 ވަނަ އަހަރު މަރުގެ ހުކުމް ތަންފީޒު ކުރި މިންވަރު ވަނީ، އޭގެ ކުރީ އަހަރަށް ވުރެ މަދުވެފައެވެ. 2020 ވަނަ އަހަރު 437 ކޭސް ރެކޯޑް ކުރިއިރު، 2019 ގައި މިއަދަދު އުޅުނީ 579 ގައެވެ.
މިކަމުގެ ބޮޑު ހިއްސާއެއް އޮތީ ސައުދީގެ އަތުގައި ކަމަށް އެމްނެސްޓީއިން ބުނެއެވެ. އެގޮތުން ސައުދީ އަރަބިއްޔާގައި މަރުގެ ހުކުމް ތަންފީޒު ކުރި މިންވަރު، 85 ޕަސެންޓް ދަށަށް ގޮސްފައި ވާ ކަމަށް އެމެންސްޓީއިން ފާހަގަ ކުރެއެވެ. އަދި އިރާގުގައި މަރުގެ ހުކުމް ތަންފީޒު ކުރި މިންވަރު 50 ޕަސެންޓް ދަށްވި ކަންވެސް އެމްނެސްޓީއިން ފާހަގަކުރެއެވެ.
ސައުދީގެ ސަރުކާރުން ވަނީ އެ ގައުމުގައި މަރުގެ ހުކުމް ތަންފީޒު ކުރާ މިންވަރު ދަށަށް ގޮސްފައި ވަނީ، ޑްރަގްގެ މައްސަލަތަކުގައި މަރުގެ ހުކުމް ތަންފިޒު ކުރާ ކުރުން މަޑުޖައްސާލާފައި އޮތުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް އެމްނެސްޓީއިން ވަނީ، މިއީ ޖީ-20 ރިޔާސަތާ ގުޅިފައިވާ ކަމެއް ކަމަށް ތުހުމަތު ކޮށްފައެވެ.