އުތުރު މެދުތެރޭ އެފްރިކާގައި ހުރިހާ ކޮޅަކުން ބެދިފައިވާ ގައުމެއް ކަމަށްވާ ޗާޑްގެ ރައީސް، އިޑްރީސް ޑެބީ، އިދިކޮޅު ހަނގުރާމަވެރިންނާ ކުރިމަތިލައްވަމުން ގެންދަވަނިކޮށް އަވަހާރަވެއްޖެއެވެ.

ޗާޑްގެ އަސްކަރިއްޔާއިން ބުނީ، ޑެބީ އަވަހާރަވީ، އުތުރުގައި އިދިކޮޅު ހަނގުރާމަވެރިންނާ ދެކޮޅަށް ކުރިމަތިލުން ދިޔަ އަސްކަރީ ފައުޖުތަކަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން ކަމަށެވެ. 30 އަށް ވުރެ ގިނަ އަހަރު، ޗާޑްގެ ވެރިކަން ކުރައްވަމުން ގެންދެވި ޑެބީ އަވަހާރަވެފައި މިވަނީ، އެ ގައުމުގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބު، އޭނާ ކާމިޔާބު ކުރެއްވިކަން ކަނޑައެޅިތާ 1 ދުވަސް ފަހުންނެވެ.

ޑެބީ އަކީ ހަނގުރާމައިގެ މައިދާނުގެ ކުރީ ސަފަށް ވަޑައިގަތުމުގެ ރެކޯޑް އޮތް ރައީސްއެކެވެ. މިދިޔަ އަހަރުގެ މާޗް މަހު، ބޮކޮ ހަރާމްގެ ހަނގުރާމަވެރިން، ޗާޑްގެ ބޮހޯމާ އަވަށުގައި ގާއިމުވެތިބި އެ ގައުމުގެ އަސްކަރިއްޔާއަށް އަމާޒުކޮށްގެން ދިން ވަރުގަދަ ހަމަލާއަށް ފަހުގައިވެސް، އަސްކަރިއްޔާގެ ފައުޖތަކާއެކު ޗާޑްގެ ކޯރުގެ އައްސޭރީގައި ޑެބީ ހިންގަވާ މަންޒަރު ވަނީ ފެނިފައެވެ.

ޗާޑްގެ ރައިސް އިޑްރީސް ޑެބީ / ފައިލް ފޮޓޯ: އޭޝަސް

އަންގާރަ ދުވަހު ޑެބީ އަވަހާރަވީވެސް މިފަދަ ހާދިސާއެއްގެ ތެރެއިން ކަމަށް މައުލޫމާތު ލިބެއެވެ. ޑެބީ އަވަހާރަވީ، ޗާޑްގެ އުތުރުން، އެ ގައުމުގެ ވެރިރަށާ ދިމާއަށް މިސްރާބު ޖަހަމުން ދިޔަ އިދިކޮޅު ހަނގުރާމަވެރިންނާ ކުރިމަތިލަމުން ދިޔަ ޗާޑްގެ އަސްކަރީ ފައުޖުގެ މޭސްތިރިއެއްގެ ގޮތުގައި ހުންނަވަނިކޮށް ލިބިވަޑައިގެންނެވި ޒަހަމްތަކުގެ ސަބަބުން ކަމަށް ހަބަރު ލިބެއެވެ.

ޓީވީ މެދުވެރިކުރައްވާ، ދެއްވި ބަޔާނެއްގައި ޗާޑްގެ އަސްކަރިއްޔާގެ ތަރުޖަމާނު، އާޒިމް ބެރްމަންޑާއޯ އަގޫނާ ވިދާޅުވީ، ޑެބީ އެންމެ ފަހުގެ ނޭވާ ދޫކުރެއްވީ، ހަނގުރާމައިގެ މައިދާނުގައި ގައުމުގެ ނަޒާހާތްތެރިކަން ދިފާއު ކުރައްވަމުން ގެންދަވަނިކޮށް ކަމަށެވެ. ޑެބީ އަވަހާރަވީ އަސްލު ސަބަބާ ބެހޭ ތަފްސީލުތަކެއް ނުލިބެއެވެ.

1990 ވަނަ އަހަރު ޗާޑްގެ ވެރިކަމާ ހަވާލުވެވަޑާއިގެންނެވި ޑެބީ، އަސްކަރީ ހިދުމަތާ ގުޅިވަޑައިގަތީ 1970ގެ އަހަރުތަކުގައެވެ. އޭރު ޗާޑް އޮތީ ދާހިލީ ހަނގުރާމައެއްގެ ތެރޭގައެވެ. އޭގެ ފަހުން، ޑެބީ ވަނީ، ފަރަންސޭސިވިލާތުން އަސްކަރީ ތަމްރީނު ހާސިލު ކުރައްވާފައެވެ. އެއަށްފަހު އަސްކަރިއްޔާގެ ކޮމާންޑަރު އިން ޗީފް ކަމަށް ޕްރޮމޯޓްވެވަޑައިގަތެން، ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގަތީ، އޭރު ވެރިކަމުގައި ހުންނެވި ހުދުމުހުތާރު ލީޑަރު ހިސޭން ހާބްރޭގެ ވެރިކަން ވައްޓާލެއްވުމަށް ފަހުގައެވެ.

ޑެބީއަކީ ހަތިޔާރުއެޅި ހަނގުރާމަވެރިންނާ ދެކޮޅަށް ނިކުންނެވުމުގައި ބައިނަލްއަގުވާމީ މުޖުތަމައު ބަލައިގެންފައިވާ ލީޑަރެކެވެ. އަދި ހުޅަނގުގެ ބާރުތަކުގެ ގާތް އެކުވެރިއެއްވެސްމެއެވެ. ހައްދުފަހަނަ އަޅާފައިވާ އައިސިސް ޖަމާއަތާ، އަލްގައިދާއާއި ގުޅިފައި ޖަމާއަތްތަކުގެ އިތުރުން ސަހެލް އަދި ބޮކޯ ހަރާމް ހަނގުރާމަވެރިންނާ ކުރިމަތިލުމަށް ނިކުތް ކެނެޑާގެ ފައުޖުތަކުގެ މޭސްތިރިއަކަށްވެސް ހުންނެވީ ޑެބީއެވެ.

ހަނގުރާމައިގެ މައިދާނުގައި، ކުށްލި ގޮތަކަށް ޑެބީ، 68، އަވަހާރަވުމާ ގުޅިގެން ހުޅަނގުގެ ގައުމުތަކުގެ އިތުރުންވެސް ބައެއް އެހެން ގައުމުތަކުން ދަނީ އެކަމުގެ ހިތާމާގައި ބައިވެރިވަމުންނެވެ.